ދުނިޔެ

ކޮޕްސަމިޓް - ޤައުމުތަކުގެ ބަހުސް


ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ މޫސުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ދަނީ ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޤައުމުތަކުން ހުށައަޅާ ކަންތައްތަކާއި މެދު ބަހުސްކުރަމުންނެވެ.އދ. ގެ މޫސުމާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ޤައުމުތަކުގެ ވެރިން ދަނީ ތިމާވެއްޓަށް ކުރިމަތިވާ ނޭދެވޭ ބަދަލްތައް ކުޑަކުރުމަށް ވިސްނުން ބަހައްޓައިގެން ޤައުމުތަކުން ހުށައަޅަމުންދާ ކަންތައްތަކާމެދު ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރަމުުންނެވެ. އެގާރަ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިބައްދަލުވުމުގައި ޤައުމުތަކުގެ ވެރިންގެ ފެންވަރުން ފެށިގެން ތިމާވެށީގެ ދާއިރާއިން ތަޖުރިބާކާރުންނާއި އަމިއްލަ ޖަމާޢަތްތަކުން ބައިވެރިވެއެވެ. ކޮންފަރެންސް އޮފް ޕާރޓީސް - ކޮޕްގެ އެކާވީސް ވަނަ ބައްދަލުވުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިޔަށްދާއިރު، ޤައުމުތަކުން ހުށައަޅާ ހުށައެޅުންތަކަކީ ތިމާވެއްޓަށް ފައިދާކުރާނެ އަދި މިބައްދަލުވުމުގެ ތެރެއިން އެކުލަވާލެވޭ އެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ފައިދާކުރާނެހެން ބައްޓަންކުރެވިގެން، ހުރިހާ ޤައުމުތަކުންވެސް އަމަލްކުރުން ލާޒިމްކުރާފަދަ އެއްބަސްވުމަކަށް ހެދުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ދަނީ ބާރު އަޅަމުންނެވެ. މިގޮތުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކުން ދަނީ ހިނގާލުންތަކާ މުޒާހަރާތައް ރާވާ ހިންގަމުންނެވެ. އދ. ގެ މޫސުމާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން ފެށިގެން މިހާރު ކުރިޔަށްދާއިރު، އޮސްޓްރޭލިއާގެ ސިޑްނީން ފެށިގެން އެމެރިކާގެ ސިއޭޓްލްއާ ހަމައަށް މިފަދަ މުޒާހަރާތައް ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން މި މުޒާހަރާތަކާ އަޑުއުފުލުންތައް ހިނގަމުންދާ ބައެއް ބޮޑެތި ޤައުމުތަކުގެ ސިޓީތަކުގެ ތެރޭގައި ޖަރުމަނުވިލާތުގެ ބާރލިން، އިނގިރޭސިވިލާތުގެ ލަންޑަން، ބްރެޒިލްގެ ސައުޕޯލޯގެ އިތުރުން ހޮންގކޮންގްވެސް ހިމެނެއެވެ. މޫސުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން - ކޮޕް ސަމިޓަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ ޚަބަރުތަކުގެ ފަލަސުރުޚީން ޖާގަހޯދާ މުހިއްމު ބައްދަލުވުމަކަށްވެފައިވާއިރު، މިއަހަރުގެ ބައްދަލުވުމާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ފަށައިގެން މިހާރު ކުރިއަށްދާ ހިނގާލުންތަކާއި މުޒާހަރާތަކުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުތަކުގެ ވެރިންގެ ފެންވަރުގައި ތިމާވެއްޓަށްދޭ އަހައްމިއްޔަތު ބޮޑުކޮށް، މިބައްދަލުވުމުގައި އެކުލަވާލެވޭ އެއްބަސްވުމަކީ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބާރުއެޅޭފަދަ އެއްބަސްވުމަކަށް ހެދުން ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ. ޕެރިހުގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓްގައި މިފަދަ ވަށާޖެހޭ އެއްބަސްވުމަކަށް އައުމަށް ބާރުއެޅުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި ސަތޭކަ ހަތްދިހަ ފަސް ޤައުމަކުން ހަސަތޭކަ ހާސް މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.