ދުނިޔެ

އިންޑިޔާއިން ތިމާވެށި ޙިމާޔަތްކުރަން މަސައްކަތް ކުރަނީ


ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި ތޮއްޖެހުން ކުޑަކުރުމަށް އަމާޒުކޮށް އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އަޅާނެ ފިޔަވަޅުތަކެއް އެޤައުމުގެ ސަރުކާރުން އިޢުލާނުކޮށްފިއެވެ. އދ. ގެ މޫސުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން ފެށިގެން ކުރިޔަށްދާ މިދަނޑިވަޅުގައި އިންޑިޔާއިން އެޤައުމުގެ ވެރިކަންކުރާ، އަދި އެޤައުމުގެ ތިންވަނައަށް އެންމެ ބައިބޯ ނިއުދިއްލީގެ މަގުތަކުގައި އަމިއްލަ ފަރާތްތަކުން ދުއްވާ ކާރުތައް ދުއްވުން މަދުކުރުމަށް އަމާޒުކޮށް ވަނީ އާ ޤަވާއިދެއް ހަދާފައެވެ. މި އާ ޤަވާއިދުގެ ދަށުން ކާރުތަކުގެ ނަމްބަރު ޕްލޭޓްގެ އެންމެ ފަހު އަދަދަށް ބަލައި، މަގުތަކުގައި އެ ކާރެއް ދުއްވޭނެ ދުވަސްތައް ކަނޑައަޅާނެ ކަމަށް ނިއުދިއްލީގެ ލޯކަލް ގަވަރމަންޓުން ހާމަކުރެއެވެ. މިގޮތުން އޮޑް އަދި އީވަން އަދަދުތަކުން ނަމްބަރު ޕްލޭޓްގެ އެންމެ ފަހު އަދަދު ނިމޭ ކާރުތައް ވަކިކޮށް ކޮންމެ ކާރަކީ ދެދުވަހުން އެއްދުވަހު ދުއްވޭނެ ކާރެއް ކަމުގައި ހަމަޖައްސާނެ ކަމަށް ނިއުދިއްލީގެ ލޯކަލް ގަވަރމަންޓުން ބުނެއެވެ.މިއީ ދުނިޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައިވެސް މަގުތަކުގައި ދުއްވާ އުޅަނދުތައް މަދުކުރުމަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެކެވެ. އިންޑިޔާގެ ނިއުދިއްލީގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ  ޢަދަދު ގިނަވެފައިވާއިރު، ނިއުދިއްލީގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން، ފުރިހަމަ ސިއްޙަތުގައި ހުންނަ މީހާއަށްވެސް ގެއްލުން ލިބޭނެ ކަމަށް، ވައިގެ ކޮލިޓީ ބެލުމަށްފަހު، ނިއު ދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ މޮނިޓަރިންގ ސްޓޭޝަނުން ބުނެފައިވެއެވެ. އަދި ނިއުދިއްލީގައި އަޅާ މިފިޔަވަޅުގެ ސަބަބުން ޢާއްމު ދަތުރުފަތުރަށް ހުރަސްއެޅުނަނުދިނުމަށްޓަކައި، މެޓްރޯ ރެއިލާއި އިތުރު ބަސް ދުއްވާގޮތަށް ހަމަޖައްސަވާނެ ކަމަށް ނިއު ދިއްލީގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ފެށިގެން ކުރިއަށްދާ އދ. ގެ މޫސުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން - ކޮންފަރެންސް އޮފް ޕާޓީސް - ކޮޕްގެ އެކާވީސް ވަނަ ބައްދަލުވުމަށް ދުނިޔޭގެ ގިނަ ޤައުމުތަކަކުން، ޤައުމީ ފެންވަރެއްގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް އެކަންކަން ހިމެނޭނެގޮތުން އެކުލަވާލާ ޕްލޭންތައް ދަނީ ހުށައަޅަމުންނެވެ. ޕެރިހުގައި މިހާރު ފެށިގެން ކުރިއަށްދާ އދ. ގެ މޫސުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވާ ނުރައްކަލާމެދު ބިނާކުރުވަނިވި މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ.