ޚަބަރު

އީގަލްސް ބަލިކޮށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ބެންގަލޫރު


ކުލަބް އީގަލްސް ބަލިކޮށް އިންޑިޔާގެ ބެންގަލޫރު އެފްސީއިން އޭއެފްސީ ކަޕްގެ ގުރޫފް ޑީއިން ފުރުސަތު ހޯދައިފިއެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބެންގަލޫރު އެފްސީ ޓީމުންވަނީ އީގަލްސްގެ މައްޗަށް 1 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގައި މިވަގުތު އޮތީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި ބެންގަލޫރު އެފްސީ ކުޅުނު މެޗް ފެށިގެން ފުރަތަމަ ހަމަލާ އުފައްދަން މަސައްކަތްކޮށްފައިވަނީ ކުލަބް އީގަލްސްއިންނެވެ. އީގަލްސްއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އެގޮތުން މެޗްގެ 3ވަނަ މިނެޓްގައި ބެންގަލޫރުން އުފައްދަން މަސައްކަތް ކުރި ހަމަލާ ދިފާޢުކޮށްފައިވަނީ އައްސަދު އަލީ (އަޑުބަރޭ)އެވެ. ކުލަބް އީގަލްސްއިން މެޗްގެ ކުރީކޮޅުގައި ފަހަތަށް ޖެހިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ބެންގަލޫރު ޓީމަށް ހަމަލާތައް އުފެއްދުމަށް ފުރުސަތު ލިބިގެންދިޔައެވެ. ބެންގަލޫރުން ކުޅެމުންދިޔައީ އެޓީމްގެ ވާތުފަޅި ވަރަށް ބޮޑަށް ބޭނުންކޮށްގެންނެވެ. އެއީ ބެންގަލޫރުގެ ކެޕްޓަން ސުނިތް ޗެތުރީ ބޭނުން ކޮށްގެންނެވެ. ބެންގަލޫރުން އުފެއްދުމަށް މަސައްކަތް ކުރި ގިނަ ހަމަލާތައްވަނީ އީގަލްސްގެ ކީޕަރު ފައިސަލް މަތަކޮށްފައެވެ. މެޗްގެ 12ވަނަ މިނެޓްގައި އަރިމަތިން ޗެތުރީ ހުރަސްކޮށްދިން ބޯޅަ އެޓީމްގެ އޮގަސްޓޯ ފޮނުވާލަން މަސައްކަތް ކުރިނަމަވެސް، އޮގަސްޓޯއަށް އެބޯޅައިގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އޭގެ އެއް މިނެޓްފަހުން އީގަލްސްގެ މެސީއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށްވެސް ހިފޭގޮތެއް ނުވިއެވެ. މިއީ މެޗްގެ ފުރަތަމަ 15މިނެޓް ތެެރޭގައި ކުލަބް އީގަލްސްއިން އުފެއްދި ފުރަތަމަ ހަމަލާއެވެ. ކުލަބް އީގަލްސްއަށް ލިބޭ ކޯނަރުތަކުގައިވެސް ބެންގަލޫރުގެ ދިގު ޑިފެންދަރުން އެބޯޅަ ދިފާާޢު ކުރަމުންދިޔައެވެ.

މެޗްގެ 16 ވަނަ މިނެޓްގައި އިސްމާޢިލް އީސާ ލަނޑެއް ޖެހިނަމަވެސް، ލަނޑު ޖެހިއިރު މެސީ ހުރީ އޮފް ސައިޑް މަގާމެއްގައެވެ. މެޗްގެ ފުރަތަމަ 10 މިނެޓަށްފަހު ކުލަބް އީގަލްސްއިންވެސް މެޗްގެ ތެރެއަށް ރަނގަޅަށް ވަދެ ކުޅެންފެށިއެވެ. އަދި ކުލަބް އީގަލްސްއިންވެސް ނުރައްކާތެރި ހަމަލާތައް އުފައްދަން ފެށިތަން ފެނިގެންދިޔައެވެ. މެޗްގެ 23ވަނަ މިނެޓްގައި ބެންގަލޫރުގެ އޮގަސްޓޯ އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލި ބާރު ބޯޅަ ކީޕަރު ފައިސަލްވަނީ ވަރަށް ހުށިއާރުކަމާއެކު ދިފާޢުކޮށްފައެވެ.

މެޗްގެ 26ވަނަ މިނެޓްގައި ބެންގަލޫރު ޓީމުންވަނީ ލީޑް ނަގާފައެވެ. އޭރިޔާގެ ތެރޭގައި ހުރެފައި ބެންގަލޫރުގެ ދައޭޝް ދިލިޕް ފޮނުވާލި ބޯޅަވަނީ އަރިމަތީ ދަނޑިކައިރިން ގޯލް ތެރެއަށް ވަދެފައެވެ. ލަނޑަށް ފަހުވެސް ބެންގަލޫރުން ދިޔައީ އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި ކުލަބް އީގަލްސްއިންވެސް ލިބުނު މަދު ފުރުސަތުގައި ބެންގަލޫރުގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން އިސްމާޢީލް އީސާ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޖަހާނެ ކުޅުންތެރިއެއް ނުވިއިރު އީގަލްސްއިން ހުރަސް ކުރަން މަސައްކަތް ކުރި ބޯޅަތައްވަނީ ބެންގަލޫރުގެ ޑިފެންޑަރުން ދިފާޢުކޮށްފައެވެ. މެޗްގެ 44ވަނަ މިނެޓްގައި ނާއިމް ނަގައިދިން ކޯނަރެއް ދިފާޢު ކުރަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ބެންގަލޫގެ ފަހަތަށް ކުޅެމުން އަންނަ ޝަރުތަ ގައިގަ ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ބެންގަލޫރުގެ ކީޕަރުވަނީ އެބޯޅަ މަތަކޮށްފައެވެ.

މެޗްގެ ދެވަނަ ހާފް ފެށިއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކުން ބަދަލެއް ގެނެސްފައެއް ނުވެއެވެ. މެޗްގެ ފުުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުލަބް އީގަލްސްއިން ލަނޑެއް ޖެހުމަށް ކުރިއަރައިގެން ކުޅެމުންދިޔައެވެ. މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ބެންގަލޫރަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވިއެވެ. މެޗްގެ 66ވަނަ މިނެޓްގައި ކުލަބް އީގަލްސްއަށް ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ އަަލީ ފާސިރުއަށެވެ. އޭރިޔާގެ ތެެރޭގައި ހުރި ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ފާސިރު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މިއީ މުޅި މެޗްގައިވެސް ކުލަބް އީގަލްސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ.

ރާއިފްގެ ބަދަލުގައި އިމްރާން ނަޝީދު ކުޅެން އެރުވުމާއެކު، އީގަލްސްގެ ކުޅުމަށް ބަދަލްތަކެއް ގެނައެވެ. އައްސަދު އަލީ ކުރިއަށް ޖައްސާލިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބެންގަލޫރުގެ ލިއޯންއަަށް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިކަރިން ބޭރަށެވެ. މިމެޗަށް އީގަލްސްއާއި ގުޅުނު ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ، އަލީ ފާސިރު، އަހުމަދު އާރިފް އަދި އިސްމާއީލް އީސާވެސްވަނީ މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އީގަލްސްއަށް މެޗްގައި ސުން ކަޑުވާލެވޭ ގޮތެއް ނުވިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިމެޗްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ރާއްޖޭގެ މާޒިޔާއިންވަނީ ސައުދީ އަރަބިއްޔާގައި 10 ދުވަހުގެ ކޭމްޕެއް ކޮށްފައެވެ.