ޚަބަރު

ޗެލްސީން ލީގު މޮޅަކުން ފަށައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑު ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. މިމެޗްގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މާކޮސް އަލަންސޯއެވެ. އަދި ފުރަތަމަ ހާފް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. އަދި ފަހު ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕްރިމިއަރ ލީގުގައި ޗެލްސީއަށް މުޅިން އަލަށް ކުޅެމުންދިޔަ ޒުވާން ޑިފެންޑަރ ޓްރެވަރ ޗަލަބާއެވެ.

މިލަނޑައެކު ޗަލަބާއަށް ހައިރާންކަން ލިބި އޭނާއަށް އުފަލުން ރޮވުނެވެ. މިއީ މީގެ 14 އަހަރު ކުރިން ޗެލްސީގެ ޔޫތު ސެޓް އަޕް އާއި ގުޅުނު ޗަލަބާ ޗެލްސީއަށް ކުޅުނު ދެވަނަ މެޗެވެ. އޭނާ އެންމެ ފުރަތަމަ ކުޅޭފައިވަނީ ވަރަށް ފަހުން ޗެލްސީ ކުޅުނު ސުޕަރ ކަޕްގެ މެޗެވެ.

ޕެތްރިކް ވިއޭރާގެ ކޯޗް ކަމުގެ ދަށުން ކުޅެމުންދިޔަ ޕެލަސްއަށް ފުރަތަމަ ހާފްގައި މާއެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފްގައި ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މިމެޗްގައި ޗެލްސީގެ ފުރަތަމަ އެގާރައިން އާންމުކޮށް ފެންނަ ގިނަ ކުޅުންތެރިން ތަކެއް ނުކުޅެއެވެ. މިގޮތުން އެންގޯލޯ ކާންޓޭ އަށް އަނޔާވެފައިވާއިރު ބެން ޗިލްވެލް އާއި ތިއާގޯ ސިލްވަރ އަދި ކައި ހަވާޓްޒް ތިބީ ބެންޗުގައެވެ. އަދި އަލަށް ތީމާއި ގުޅުނު ރޮމެލޫ ލުކާކޫ އަންނަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ.

އެހެންކަމުން މިކާމިޔާބީއާއެކު މިސީޒަންގައި ލީގަށް ވާދަކުރާނެ ތީމްތަކުގެ ލިސްޓުގެ ކުރީ ސަފުގައި ޗެލްސީ ގުނާލެވޭނެކަމަށްވަނީ ބެލެވިފައެވެ.