ސިޔާސީ

ޤައުމީ ދިފާޢީ ބާރުގެ މިހާރުގެ އަމާޒަކީ ރައީސްގެ ތަޞައްވުރު ހަޤީޤަތަކަށް ހެދުން: މާރިޔާ


ދިވެހި ޤައުމީ ދިފާޢީ ބާރުގެ މިއަދުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސިފައިންނާމެދު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ވަރުގަދަ ތަޞައްވުރު ހަޤީޤަތަކަށް ހެއްދެވުން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމް.އެން.ޑީ.އެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ "ދަ ބޭސިކް ސްކޫލު" ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ޙަޔާތުގައި ކާމިޔާބު މީހަކަށްވުމަށް އަށަގަންނުވަންޖެހޭ އެންމެ މުހިންމު އެއް ސިފައަކީ، ތިމާއާއި ޒިންމާއެއް ހަވާލުކުރުމުން އެޒިންމާ ވީއެންމެ ފުރިހަމައަކަށް އަދާކުރުންކަމަށާއި، މިގޮތަށް ކުރިޔަށްދެވޭނީ ލިބޭ ކޮންމެ ފުރުޞަތަކަށް "އާނ!" ބަސް ބުނެގެންކަމުގައި ފާހަގަ ކުރެއްވިއެވެ.

ދިވެހި ސިފައިންގެ މިއަދުގެ އަމާޒަކީ، ރައީސުލްޖުުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހި ޤައުމީ ދިފާޢީބާރާމެދު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ވަރުގަދަ ތަޞައްވުރު ހަޤީޤަތަކަށް ހެދުންކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހި ސިފައިންނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙުތިރާމު ހާސިލުކޮށްފައިވާ، ޤާބިލު، ސިފަވަންތަ އަޚުލާޤެއްގެ މަތީގައިތިބޭ، ޕްރޮފެޝަނަލް އަދި ފައިޓިންގ ފިޓް ފޯސް އެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ޤައުމީ ޚިދުމަތުގައި ސާބިތުކަންމަތީ ދެމި ތިބުމަށާއި، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބަޔަކަށްވުމާއެކު، އަޚުލާޤު އެންމެ މަތީ ފެންވަރުގައި ދަމަހައްޓައިގެން، ތަފާތު ރޮނގުތަކުން  ދިވެހިޤައުމަށް ރީތި ނަން ހޯދައިދިނުމުގައި ދެމިތިބުމަށް ސިފައިންނަށް ގޮވާލެއްވިއެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙަސަން އިޒްހާދެވެ. މި ކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އާދަމް މުފީދެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް އަޒުމް ލައިދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 80 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. މި ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.