ޚަބަރު

ނޭކުރެންދޫ ޖަލުގެ މަސައްކަތް 2 މަސްތެރޭ ފެށޭނެ


ހދ ނޭކުރެންދޫގައި
ސަރުކާރުން އެޅުއްވުމަށް ހަމަޖައްސާފައިވާ ޖަލުގެ މަސައްކަތް ކުރިއަށް އޮތް
ދެމަސްތެރޭގައި ފެށިގެންދާނެ ކަމަށް ހޯމް މިނސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.



ހދ
ނޭރުކުރެންދޫގައި ބަނތް ކަޅުއޮށްފުންމި ބޭލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، ނޭކުރެންދޫގައި ސަރުކާރުން އަޅުއްވާ ޖަލުގެ
މަސައްކަތް ޙަވާލުކުރެއްވުމަށް ކޮންޓްރެކްޓަރަކުވެސް މިހާރު ހަމަޖެހިފައިވާ
ކަމަށެވެ. 

ނޭކުރެންދޫ ޖަލުގެ މަސައްކަތަށް ބޭނުންވާ ތަކެތި  ޗައިނާއިން މިހާރު ރާއްޖެ އައުމުގެ މަގުމަތީގައި
ވާކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.



" މިހާރު ކޮންޓްރެކްޓަރާއި ވާހަކަ ދެކެވި ވަނީ އެއްބަސްވުމަކަށް އާދެވިފައި.ލަސްތަކެއް ނުވެ މަސައްކަތް ފެށޭނެ.އަދި މި ރަށުގައި ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ " ސަލީމް ވިދާޅުވިއެވެ.



ނޭކުރެންދޫގައި ޖަލުއެޅުމަށް
21 ހެކްޓަރުގެ ބިން ކައުންސިލުން ވަނީ ދޫކޮށްފައެވެ.

ނޭކުރެންދޫގައި އެޅުމަށް
ހަމަޖެހިފައިވާ ޖަލަކީ ގާތްގަޑަކަށް 300 މީހުންގެ ޖާގައިގެ ޖަލެކެވެ. ހޯމް
މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި ނޭކުރެންދޫގައި އަޅާޖަލަކީ ލުއިޖަލެކެވެ.
އެތަނުގައި ތިބޭ ގައިދީންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނޭ ފުރުޞަތު
ޖަލު ސަރަހައްދުގައި ހަމަޖެހޭނެ އުސޫލެއް ކަނޑައަޅުއްވާނެކަމަށްވެސް ހޯމް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ   



ނޭކުރެންދޫ ޖަލުގެ މަސައްކަތް
ނިމި ބޭނުންކުރަން ފެށުމުން މާފުށި ޖަލަށް ލުއިތަކެއް ލިބޭނެ ކަމަށްވެސް ހޯމް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 

ނޭކުރެންދޫ ޖަމުގެ މަސައްކަތް ނިމުމުން ގިނަ
ވަޒީފާގެ ފުރުޞަތުތަކެއްވެސް ހުޅުވިގެންދާއިރު އަންނަ އަހަރުގެ ބަޖެޓްގައި
ނޭކުރެންދޫ އަދި ކާށިދޫގައި ޖަލުއެޅުމަށް ބަޖެޓް ކަނޑައަޅާފައިވެއެވެ.