ޚަބަރު

ސްކޫލް ނިމުނު ދަރިވަރުންނަށް ވެކްސިން ދޭނީ ކިޔެވި ސްކޫލް މެދުވެރިކޮށް


ސްކޫލް ނިމުނު ދަރިވަރުންނަށް ވެކްސިން ދޭނީ ކިޔެވި ސްކޫލް މެދުވެރިކޮށް ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީއާއި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ހާލުބެލުން" ޕްރޮގްރާމްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ފައިޒާ ވެކްސިން ޖެހުން އަންނަ އާދިއްތަ ދުވަހު ފަށާނެކަމަށެވެ.

ފައިޒާ ވެކްސިން ރާއްޖޭގައި ޖެހުމަށް ހަމަޖެހިފައިވަނީ އުމުރުން 12އަހަރާ 17އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށާއި، މާބަނޑު މީހުންނާއި އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި އެފަދަ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންނަށެވެ.

ޑރ.ނަޒްލާ ރަފީޤް ވިދާޅުވި ފައިޒާ ވެކްސިން ޖެހުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. އެގޮތުން ރަށްރަށަށް ވެކްސިން ފޮނުވުމުގެ އިތުރުން، ސްކޫލް ދަރިވަރުންގެ ބެލެނިވެރިންނަށް ވެކްސިންއާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފަށާފައިވާކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ވެކްސިން ފަށާނީ މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގަކަމަށާއި، ނަމަވެސް ވަރަށް އަވަހަށް ހުރިހާ ރަށަކަށްވެސް ވެކްސިން ލިބޭނެކަމަށެވެ.

"އާދީއްތަ ދުވަހު ފަރަތަމަ ފައިޒާ ވެކްސިން ޖަހަން ފަށާނީ. އެކަމަކު އެދުވަހު މި ފެށެނީ މާލެއާއި ބައެއް ރަށްރަށުގައި. އަންނަ ހަފްތާތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވެކްސިން ލިބޭނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ސްކޫލްތަކުގައި ވެކްސިން ކެމްޕެއިން ކުރިއަށްގެންދިއުމަށްޓަކައި މީހުން ތަމްރީންކުރަމުންދާކަމަށެވެ. 12އަހަރާ 17އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ނިންމާފައިވާއިރު، މި އުމުރުފުރާގެ، ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ވެކްސިން ދޭނީ އެ ކުއްޖަކު ކިޔެވުން ނިންމި ސްކޫލް މެދުވެރިކޮށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ސްކޫލް ނިންމި ކުދިންނަށް އަންގާނީ ކިޔެވި ސްކޫލްގެ ފަރާތުން. އެންގީމަ އެޕޮއިންޓްމަންޓް އުސޫލުން މާލެ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހޭނެ. ރަށްރަށުގަ ސްކޫލްތަކުން ކުދިންނަށް އެންގީމަ އެރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހޭނެ. ސްކޫލުން މި ކުދިންނަށް ގުޅާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ފައިޒާ ވެކްސިންއަށް ޝަރުތު ހަމަވާ ކުދިންނާއި މީހުންގެ މެޑިކަލް ހިސްޓްރީއެއް އޮތްނަމަ އެ މަޢުލޫމާތު ޙިއްސާކުރުމަށް ޑރ.ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. ސްކޫލް ކުދިންގެ މިފަދަ މަޢުލޫމާތު ހުށައަޅާނީ ސްކޫލްގެ ހެލްތު ޑެސްކަށެވެ.

ފައިޒާ ވެކްސިނަކީ މިވަގުތު ދުނިޔޭގަ ބޭނުންކުރާ ކޯވިޑްގެ އެންމެ ރަނގަޅު ވެކްސިންއެވެ. މި ވެކްސިންގެ ރައްކާތެރިކަން ހުރީ %95ގައެވެ. ފައިޒާ ވެކްސިން ފުރިހަމަވާނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުންނެވެ.