ޚަބަރު

ޤައުމީ ޓީމުގެ ކޯޗު ވަކިކޮށް، ސާފް ޗެންޕިއަންޝިޕްގެ ކޯޗިން ސްޓާފުންނަށް ދިވެހިން


ޤައުމީ ކޯޗު މާޓިން ކޫޕްމަން ބޭރުކޮށް ސާފް ޗެންޕިއަންޝިޕަށް ޤައުމީ ފުޓުބޯޅަ ޓީމު ނުކުންނައިރު، އެ ޓީމުގައި މުޅިން ދިވެހި ކޯޗުން ފެނުން ގާތްކަމަށް އެފްއޭއެމްގެ ރައީސް ބާއްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ އެކްސްކުލޫސިވް ޕްރޮގްރާމުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ނިމިގެންދިޔަ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގެ ނަތީޖާ ތަކުގެ ސަބަބުން ބައެއް ކަހަލަ ހިތްހަމަނުޖެހުންތައް ހުރުމާއި އެފްއޭއެމްއިން އެންމެ ބޭނުންވި ނަތީޖާގެ އިތުރުން ދެ ފަރާތުންވެސް އެއްބަސްނުވެވޭ ކަންތައްތަކެއް ހުރުމާއެކު، ކޯޗާއިއެކުވެސް ވާހަކަދެއްކުމަށްފަހު މިހާރުވާނީ ޤައުމީ ކޯޗު މާޓިން ކޫޕްމަންގެ އެގްރީމެންޓް ބާތިލް ކޮށްފައިކަމަށެވެ.

އެފްއޭއެމްގެ ރައީސް ބާއްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕްގައި ޤައުމީ ކޯޗިން ސްޓާފުންނަކީ އެއްކޮށް ދިވެހިންނަށް ވުމަކީވެސް ދުރުކަމެއްނޫންކަމަށާއި މިހާރު އެފްއޭއެމްގެ ވިސްނުންހުރީ ޤައުމީ ޓީމުގެ ކޯޗިން ސްޓާފުންނަކީ ހުސް ދިވެހިންކަމަށް ހެދުމަށްކަމަށެވެ. ބައްސާމް ވިދާޅުވީ ހެޑް ކޯޗުންގެ އިތުރުން އެސިސްޓެންޓް ކޯޗުންނަކީވެސް ދިވެހިންނަށް ވުމުގެ ފުރުސަތު މިފަހަރު ވަރަށް ބޮޑުކަމަށެވެ.

އާންމު ގޮތެއްގައި ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗަކަށް މީގެ ކުރިން ހަމަޖައްސާފައިވަނީ ބިދޭސީ ކޯޗުންނެވެ. އަދި ބައެއް ފަހަރުތަކުގައި އެސިސްޓަންޓް ކޯޗުންގެ އިތުރުން ޓްރެއިނަރުންނަށްވެސް ބިދޭސީ ޓްރެއިނަރުން ހަމަޖައްސާފައިވެއެވެ. ބާއްސާމް ވިދާޅުވީ އޮކްޓޯބަރު މަހުގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވާއިރު، މިވަގުތު ބިދޭސީ ކޯޗެއް ގެނެސްގެން ޤައުމީ ޓީމް ހަވާލްކޮށް، ސާފްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އުދަގޫވާނެކަމަށާއި ބިދޭސީ ކޯޗަކަށް ޓީމު ދަސްކުރަންވެސް ވަގުތު ބޭނުންވާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

އެހެންކަމުން މިއީ ދިވެހި ކޯޗުންނަށް، އެ ކޯޗުންގެ ފެންވަރު ދައްކާލުމަށް މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަމަށާއި ދިވެއްސަކަށްވީ ކަމުގައިވީނަމަވެސް، ޤައުމީ ހެޑްކޯޗަކަށް ހުރެވޭނީ އޭ ލައިސަންސް ނުވަތަ އެއަށްވުރެއް މަތީ ފާސް އޮންނަ ކޯޗަކަށްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަދި ކޯޗުގެ ތަޖުރިބާއާއި ސާޗް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކާމިޔާބު ހޯދާދެވޭނެވަރުގެ ކޯޗަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ތިބި ދިވެހި ކޯޗުންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާކަމަށްވެސް ބާއްސާމް ވިދާޅުވިއެވެ.

ޤައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރެއިން މިހާތަނަށް ބިދޭސީއަކު ހަމަޖައްސާފައިނުވާ ދިމާލަކީ ގޯލް ކީޕަރު ޓްރެއިނަރެވެ. ޤައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޤައުމީ ޓީމުގެ ގޯލް ކުރިން ބަލަހައްޓާފައިވާ އަސްލަމް ޢަބްދުލްރަހީމްއެވެ. އަދި އޭނާގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދުއެވެ.

ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ނުބޭއްވިގެން ސާފްއިން މުބާރާތް ބޭއްވުމަށް ހުޅުވާލި ފުރުސަތުގައި ނޭޕާލްއާއި ދިވެހިރާއްޖެއިން ބިޑް ކުރިއެވެ. 2008ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާ ގުޅިގެން މުބާރާތް ކުރިއަށްގެންދިޔަ ނަމަވެސް، މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ރާއްޖޭގައި އެކަންޏެވެ.