ސަރުކާރުގެ
އަމާޒަކީ އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް މިހާރު ހުރި އެނދުގެ އަދަދާއެކު އިތުރު 4000 އެނދު އައްޑޫ ސިޓީގައި ޤާއިމްކޮށް ޚިދުމަތް
ދިނުންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އައްޑޫ
ސިޓީއަށް މިހާރު ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި ފޭދޫ ރައްޔިތުންނާ ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުން
ޒަމީރު ވިދާޅުވީ އައްޑޫ ސިޓީއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިސަރުކާރުން ދެއްވާކަމަށާއި، އައްޑޫ ސިޓީއަށް
އަމާޒުކޮށް ސަރުކާރުން ތަފާތު ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަވާކަމަށެވެ. މިގޮތުން
އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް އައްޑޫ ސިޓީގެ ޒުވާނުންނަށް ވަޒީފާގެ
ފުރުޞަތުތައް ހުޅުވާލުން އެއީ ސަރުކާރުގެ އަމާޒެއްކަމަށްވެސް މިނިސްޓަރ ޒަމީރު
ވިދާޅުވި.
މިނިސްޓަރ
ޒަމީރުގެ ވާހަކަފުޅުގައި ދާދިފަހުން ކުރި ވިއްސާާރާގައި އައްޑުއަތޮޅުގައި ފެންބޮޑުވި ކާރިސާއަށް
ބައްލަވާލައްވަމުން އެ ކާރިސާގައި ލިބުނު
ގެއްލުންތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި
އެކަމުގައި އައްޑޫ ސިޓީ ރައްޔިތުންގެ ކެއްތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ޓޫރިޒަމް
މިނިސްޓަރ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި އެދާއިރާގެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހީމް ދީދީ ދެއްކެވި ވާހަކަފުޅުގައި، ފެންބޮޑުވި
ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް މިސަރުކާރުން ފައިސާގެ އެހީ ދެއްވުމަށް މިހާރު ނިންމަވާފައިވާކަމަށް
ވިދާޅުވިއެވެ. އަދި
ފޭދުއާއި އެނޫންވެސް ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
ރާއްވަވާފައިވާ މަޝްރޫތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަންވެސް އެނާ
ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި، ގަން އިންޓަރނޭޝަނަލް އެއާރޕޯޓު ތަރައްޤީކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫއުގެ މަސައްކަތްތަކާއި، ހުޅުމީދޫގައި ކުރިއަށްދާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ރިޒޯޓް ތަރައްޤީކުރުމަށް ނިންމަވާފައިވާ އިސްމެހެލަ ހެރައަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.