ކުޅިވަރު

އައި.ޖީ.އެމް.އެޗްގައި ސްޕޯޓްސް ތެރަޕީ ޑިޕާޓްމެންޓެއް ޤާއިމްކުރަނީ


އައިޖީއެމްއެޗްގެ އާ އިމާރާތް ނިމިގެންދާއިރު، ކުޅިވަރުގައި ލިބޭ އަނިޔާތަކަށް ފަރުވާދޭނެ ޚާއްސަ ޑިޕާޓްމެންޓެއް އައިޖީއެމްއެޗްގައި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޓީސީ ސްޕޯޓްސް ކްލަބް މިއަހަރު ފުރަތަމަ ޑިވިޝަންގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް އަނިޔާވެގެން ފަރުވާ ހޯދާނެ ޙާއްސަ ވަސީލަތްތަކެއް ނުވަތަ ޑޮކްޓަރުންތަކެއް ރާއްޖޭގައި ނެތުމަކީ ކުޅިވަރުގައި ކުރިއަށްދިޔުމަށް ކުޅުންތެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ޒުވާނުން ކުރިއަރުވާ ފަހި ފުރުސަތުތައް ހޯދާދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާއިރު ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކަށް ފަރުވާ ލިބުމުގެ މުހިއްމުކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. މި ގޮތުން އައިޖީއެމްއެޗްގެ އާ އިމާރާތުގައި ގާއިމްކުރެވޭ ޙާއްސަ ޑިޕާޓްމެންޓުން ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތަކަށް ބޭނުންވާ މުހިއްމު ފަރުވާތައް ލިބިގެންދާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ."އައިޖީއެމްއެޗްގެ އާ އިމާރާތް ނިމިގެންދާއިރު ވަރަށް ބޮޑު ޑިޕާޓްމެންޓެއް އުފެދިގެންދާނެ ރިހެބިލިޓޭޓިވް ތެރަޕީއަށް އަދި ކުޅިވަރާއި ސްޕޯޓްސް އިންޖަރީއަށް ފަރުވާދިނުމަށް. މީގެ ބޭނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ޒުވާނުން ކުޅިވަރުގައި ކުރިއަށްދާން، މިކަން ކުރާއިއިރު ރިހެބިލިޓޭޓިވް ތެރަޕީގެ ބޭނުން ހިފަން ޖެހޭނެ، މި ތެރަޕީގެ ބޭނުން އަންނާނެ" ރައީސް ވިދާޅުވިއެވެ.ކުޅިވަރުގައި ލިބޭ ބޮޑެތި އަނިޔާތަކަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމުގެ އިންތިޒާމް މިހާރުވެސް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގެ ބޭނުން ހިފުމަށްވެސް ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.