އަލްޖަޒާއިރުގެ ޖަންގަލިތަކުގައި ރޯވަމުންދާ އަލިފާންގަނޑުތައް އެ ޤައުމުގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި 40އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އަލްޖަޒާއިރުގެ ދާޙިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ އުތުރުގެ ސަރަހައްދުތަކުގައި އަލިފާންގަނޑުތައް ފެތުރި އެ ޤައުމުގެ ޢާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރުމުން އެ ސަރަޙައްދަށް ފޮނުވި ސިފައިންނަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ގޮތުން އަލިފާންގަނޑުތައް ނިއްވާލުމުގައި ޙަރަކާތްތެރިވަމުންދިޔަ 25 ސިފައިން މަރުވެފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި އަލްޖަޒާއިރުގެ ޖަންގަލިތަކުގައި ރޯވެފައިވަނީ ބަޔަކު ގަސްތުގައި ހުޅުޖެހުމުންކަމަށް ބެލެވޭކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަލިފާންގަނޑުތައް ފެތުރުމުން ޢާންމުންގެ ގެދޮރަށާއި މަދަރުސާތަކަށާއި ރެސްޓޯރެންޓުތަކަށާއި ހޮޓާތަކަށްވަނީ ބޮޑެތި ގެއްލުންތަކެއްވަމުންދާކަމަށް އަލްޖަޒާއިރުގެ ސަރުކާރުންވަނީ ބުނެފައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކު އަލިފާންގަނޑުތައް ނިއްވާލުމަށް ބޭނުންވާ ސާމާނާއި އުޅަނދުތައް ހޯދަމުންދާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވިލާތުގެ އިއްތިޙާދުން ބުނެފައިވަނީ ހޫނު މޫސުމާ ދިމާކޮށް މެޑިޓެރޭނިޔަންގެ ސަރަޙައްދުގައި ނުރައްކާތެރި އަލިފާނުގެ ޙާދިޘާތަކެއް ހިނގަމުންދާކަމަށެވެ. އެ ގޮތުން ތުރުކީވިލާތާއި ގުރީސްފަދަ ޤައުމުތަކުގެ ޖަންގަލިތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެފައިވަނީ ހޫނުގަދަވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށްވެސް ވިލާތުގެ އިއްތިޙާދުން ބުނެފައިވެއެވެ.