ޚަބަރު

ޓޯ ކުރާ އުޅަނދުގެ މަޢުލޫމާތު 24 ގަޑިއިރު ތެރޭގައި މިހާރު ބެލޭނެ


ޓޯ ކުރާ އުޅަނދުތަކުގެ މަޢުލޫމާތު 24 ގަޑިއިރުގެ ތެރޭ ފުލުހުންގެ ވެބްސައިޓު (http://www.policelife.mv) ފެންނަގޮތަށް ހަމަޖައްސައިފިއެވެ.މިގޮތަށް ހަމަޖައްސާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނުނުގައި އެގޮތަށް ހަމަޖެއްސުމަށް ބަޔާންކޮށްފައި ވުމާއިއެކު، ޢާންމުންނަށް ފަސޭހައިން ދާޢިމީގޮތެއްގައި އެ މަޢުލޫމާތުތައް ފެންނަން ހުންނާނެ ގޮތެއް ހަމަޖެއްސުމަށްކަމަށް ފުލުހުން މަޢުލުމާތުދެއެވެ.ޤަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދު (މީގެ ތެރޭގައި ޕާކުކުރަން ކަނޑައަޅާފައިވާ ތަނެއްގައި މެދުކެނޑުމެއްނެތި 7 ދުވަހަށްވުރެ އިތުރަށް ޕާކުކޮށްފައި ހުންނަ އުޅަނދު ވެސް ހިމެނޭގޮތަށް) އެއްގަމު ދަތުރުފަތުރުގެ ގާނޫނު 2009/5 ގެ 7 ވަނަ މާއްދާ އަދި 8 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަގައިގެން ގެންދާނެކަމަށްވެސް ފުލުހުން ހާމަކުރެއެވެ.އަދި މިގޮތަށް ނަގައިގެން ގެންދާ އުޅަނދުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި އާއްމުކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދަކާއި ޙަވާލު ނުވެއްޖެނަމަ ޤާނޫނުގައިވާ ގޮތުގެ މަތިން އެއުޅަނދެއް ނައްތާލައްވާނެކަމަށާއި، ނުވަތަ އާންމުކޮށް ހުޅުވާލެވިފައިވާ ނީލަމެއްގައި ނީލަން ކިޔޭނެކަމަށްވެސް ފުލުހުން މަޢުލުމާތުދެއެވެ.