ވިޔަފާރި

ފަތުރުވެރިންގެ އަދަދުތަކާއެކު ބޭރުފައިސާ ރާއްޖެ ވަންނަ މިންވަރު އިތުރުވެއްޖެ


ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ހިފަހައްޓައި ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާ ކުރާ ސިނާޢަތެވެ. މި ސިނާޢަތަށް އަންނަ ކޮންމެ ލޮޅުމަކުން މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ސީދާ އަދި ނުސީދާ އަސަރު ކުރެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތާއި އެހެން ހުރިހާ ސިނާޢަތްތައްވެސް ގުޅިފައި އޮތުމުން ޤައުމަށް ވަންނަ ބޭރު ފައިސާގެވެސް އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މިސިނާޢަތުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރު މެދެއްހާ ހިސާބަށް އެއްކޮށް މަޑު ޖެހިލީ ކޯވިޑް ރާޅާއެކުއެވެ. ދުނިޔޭގެ ދަތުރުފަތުރު މަޑު ޖެހި، އެކި ކަންކޮޅުތަކުން އަންނަމުން ދިޔަ ފަތުރުވެރިން ޢަދަދުތައް ވެއްޓިގެން ދިޔައެވެ. މިއާއެކު އެ ފަތުރުވެރިން ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް ވައްދަމުން ދިޔަ ބޭރު ފައިސާގެ މިންވަރުވެސް ބޮޑު ތަނުން ދަށްވިއެވެ.

މިދިޔަ އަހަރު ރާއްޖެެއަށް 555،494 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، މިއަހަރު މިހާތަނަށް 655،594 ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ. އަހަރު ފެށިގެން އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައީ މާރިޗު މަހުއެވެ. އެއީ 109585 ފަތުރުވެރިންނެވެ. އަދި ޖުލައި މަހުވެސް ލައްކައަކަށް ވުރެ މައްޗަށް އަދަދުތަށް ވަނީ ޖެހިލާފައެވެ.

މިއާއެކު ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައިސް ރާއްޖޭގެ އިޤްތިޞާދަށް ބޭރުފައިސާ ވަންނަ މިންވަރު ބޮޑުތަނުން މިވަނީ އިތުރުވެފައެވެ. މިއީ އިޤްތިޞާދު ކުރިއަރާ ކަމުގެ ނިޝާނެކެވެ.

މޯލްޑިވް މަނިޓަރީ އޮތޯރިޓީ ނެރެފައިވާ ތަފާސް ހިސާބުތަކުން މިކަން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން، ފަތުރުވެރިކަމުގެ ތެރެއިން ޖީއެސްޓީ، ގްރީން ޓެކްސް، ޓޫރިޒަމް ޓެކްސް، ޑިއުޓީ ފްރީގެ ފިހާރަތަކުން އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ހިމެނޭހެން 2019 ވަނަ އަހަރު 3.15 ބިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު އައި ކޯވިޑް ރާޅުގެ ތެރެއިން މި އާމްދަނީ 1.39 ބިލިއަން ޑޮލަރަށް ދަށްވެގެން ގޮސްފައިވެއެވެ. މިއީ %77.53 ދަށްވުމެކެވެ.

ނަމަވެސް މިއަދަދު މިއަހަރު ފުރަތަމަ ފަސް މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިތުރުވެގެން ގޮސްފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން މިއަހަރު އެވްރޭޖްކޮށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރަށް ވުރެ މަތިން މި އާމްދަނީ ލިބިފައިވާއިރު، އެންމެ ބޮޑަށް ދަށްވެގެން ގޮސްފައިވަނީ މިއަހަރު އެންމެ މަދުން ފަތުރުވެރިން އައި މަސްތަކުގައެވެ. އެގޮތުން މޭއި މަހުމަހު ލިބިފައިވަނީ 215.9 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ފަސްމަހުގެ އާމްދަނީ ޖުމްލަ 1.44 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ މުޅި 2020 ވަނަ އަހަރު ލިބުނު އާމްދަނީ އަށް ވުރެ ބޮޑު އަދަދެކެވެ. އެހެންކަމުން ޖުލައި އަދި އޯގަސްޓުމަހު ރާއްޖޭގެ ކޯވިޑް ހާލަތު ރަނގަޅުވުމުން، ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް އިތުރުވެފައިވާއިރު، ބޭރުފައިސާގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައި އިތުރުވެގެން ދާނެއެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ، މިއަހަރު ނިޔަލަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިއަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތަކެއް ސަރުކާރުން ކުރަމުންދާއިރު، މިކަން ހާސިލު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ ޔޫކޭ ފަދަ ރާއްޖެއަށް މުހިންމު މާކެޓްތަކުން ފަތުރުވެރިން ނާންނައިރުވެސް، ޖުމްލަ ގޮތެއްގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމެވެ. އެހެން ކަމުން ޔޫކޭ ފަދަ މާކެޓްތައް ރާއްޖެއަށް އަލުން ހުޅުވިގެން ދާއިރު މިތަފާތު ފެނިގެން ދާނެކަމަށް ބެލެވެއެވެ.