ތަޢުލީމު

ތަޢުލީމުގެ ޤާނޫނު - އުނގެނުމުގެ ހައްޤު ކަށަވަރުކުރުމަށް ކޮށުނު އިތުރު މަގެއް


ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ސްކޫލްތަކަށް ދަރިވަރުން ޙާޒިރުވެގެން ކިޔަވައިދިނުމުގެ ކަންކަން އިއްޔެ ރާއްޖޭގެ ސްކޫލްތަކުގައި ވަނީ ފަށާފައެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު ތަޢުލީމީ ދާއިރާއަށް ލިބިގެންދާ އެންމެ ބޮޑު އެއް ކުރިއެރުމަކީ ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމެވެ. މިއީ ރާއްޖޭގައި ތަންފީޒުކުރަން ފަށާ އެންމެ ފުރަތަމަ ތަޢުލީމުގެ ޤާނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމަށްޓަކާ އެކުލަވާލާފައިވާ ޤާނޫނެކެވެ.

އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ތަޢުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވީ 10 ނޮވެމްބަރު 2020 ގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު މި ޤާނޫނަށް ޢަމަލު ކުރަންފެށުމާއި ގުޅިގެން، މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާމެދު ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށާއި، މި ޤާނޫނުގެ ހާޑްކޮޕީ ނެރުމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ކޮޕީ ނެރެދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ މި ޤާނޫނުން މުދައްރިސްކަން ކިޔަވާއިރު ހިމަނަންޖެހޭ ބައިތައް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދާކަމަށެވެ. އަދި މި ޤާނޫނާއެކު މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ޙައްޤު ލިބިގެން ދާނެކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދިރާސީ އަހަރު ފެށޭއިރު ތަޢުލީމާބެހޭ ޤާނޫނެއް ފާސްކުރެވި އެއަށް ޢަމަލުކުރަން ފެށޭނެ. މި ޤާނޫނުން މުދައްރިސްކަން ކިޔަވާއިރު ހިމަނަންޖެހޭ ބައިތައް ކަނޑައެޅުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބޭ. އަދި މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސެންސް ދޫކުރުމުގެ ހައްޤުވެސް ލިބޭ. މިކަމުގެ ނަތީޖާއެއްގެގޮތުން އުއްމީދުކުރެވެނީ މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް. ދަރިވަރުންގެ ފެންވަރު ރަނގަޅުވާނެކަމަށް" މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވިއެވެ.

މި ގާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމާއި، ދިވެހި އިސްލާމީ މުޖުތަމަޢަށް ފެތޭ ރައްޔިތުންގެ އިތުބާރު ލިބޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އަދި މި ޤާނޫނުގެ ދަށުން ކަނޑައެޅޭ ތަޢުލީމީ ސިޔާސަތުތަކުގެ ތެރެއިން ރައްކާތެރި އަދި އަމާން މާޙައުލެއް ސްކޫލްތަކުގައި ޤާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސްއޫލިއްޔަތެކެވެ.

ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި، އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމަށް މި ޤާނޫނުން ލާޒިމުކުރެއެވެ. އަދި އިސްލާމީ އަޤީދާއާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކޮށް، އިސްލާމީ އަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އިސްލާމީ ޝަރިޢަތާއި، އަޤީދާއާ ފުށުނާރާނެހެން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، ޢާންމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި، ރަޙުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިއްމުކަން އުނގަންނައިދޭ، އެކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަލަށް އަމަލުކުރަން ފެށި ތަޢުލީމުގެ ޤާނޫނުގައި މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދިނުމަށާއި، އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށް ކަށަވަރުކޮށްދީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ ތަޢުލީމީ ނިޒާމަކަށް ހެދުމަށް ބޭނުންވާ އުޞޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުން ދައުލަތަށް ލާޒިމުކުރާ ބައެއް މުހިއްމު ކަންކަމަށް ބަލާއިރު، ހުރިހާ ކުދިން ޝާމިލުވާނެ ގޮތެއްގެ މަތިން ޕްރީސްކޫލް ތަޢުލީމާއި، ފަށާ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތީ ޘާނަވީ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކާ އެކަށީގެންވާ ވަޞީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އުމުރުން 18 ފުރިހަމަވަންދެން ތަޢުލީމު ނުވަތަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވާކަން ކަށަވަރުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީއާއި މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދިނުމަށްޓަކާ އެކަށީގެންވާ ނިޒާމެއް ތަރައްޤީކޮށް ހަމަހަމަ ގޮތެއްގައި ފުރުޞަތު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުންވެސް ހިމެނެއެވެ.