ޚަބަރު

ވަކިކުރާ ފުލުހުންގެ ލިސްޓުކަމަށް ބުނެ އާއްމުވެފައި ވަނީ ޞައްޚަ ލިސްޓެއް ނޫން: ޕޮލިސް


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފިޔަވަޅު އެޅުމަށް ނިންމި އޮފިސަރުންނާއި ގުޅޭގޮތުން މިޑިއާގައި އާންމެވެފައިވަނީ ޞައްޚަ މައުލޫމާތުތަކެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕޮލިސް ބޯޑު ޢައްޔަންކުރާ ތާރީޚުން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ މަސްއޫލިއްޔަތާއި، ޒިންމާ އަދާކުރުމުގައި އަމަލުކޮށްފައިވާގޮތް ވަނީ ބަލައި، ދިރާސަކޮށްފައެވެ.

ޕޮލިސް ބޯޑުން ބެލި ކަންތައްތަކަށްފަހު ފުލުހުންގެ ބައެއް އޮފިސަރުންނާއިމެދު ފިޔަވަޅު އެޅުމަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ދަންނަވާފައެވެ. ފިޔަވަޅު އަޅަން ލަފާދީފައިވާ ފަރާތްތައް ކަމަށްބުނެ އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބައެއް އޮފިސަރުންނަކީ އެފުލުހުންނާމެދު ޤާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ އިޖުރާތު ހިންގި ފަރާތްތައްކަމަށް ނުވާތީ އެއީ ޕޮލިސް ބޯޑުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކުގެ ސައްޚަ ލިސްޓު ނޫންކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެރިޕޯޓް މިހާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަރުވާފައިވާތީ، މިކަމުގައި ސީޕީ ނިންމަވާ ގޮތެއް ހިއްސާ ކުރައްވާނެކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަޤާމާ އެކަށޭނަ ތަޢުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންތޯ ވަނީ ބަލައި އެމަސައްކަތް ނިންމާފައެވެ.

ބޯޑުން ބެލި ކަންކަމަށްފަހު އޮފިސަރުންނާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ހުށަހަޅައިފައިވާނެކަމަށް ޕޮލިސް ބޯޑުން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ބޯޑު އެކުލަވައިލެއްވީ މި އަހަރުގެ އޭޕްރިލްމަހުގެ 9 ވަނަ ދުވަހުއެވެ. އެ ބޯޑު އުފެއްދިތާ ހަތަރު މަސް އިއްޔެއަށް ހަމަވިއިރު، ބޯޑުން އެމުއްދަތުގައި ކުރަންޖެހޭ ކަންކަން ނިންމައި ވަނީ ހުށަހަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޑުން ވަނީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަޤާމުން ވަކިކުރުމަށް ނިންމާފައެވެ.