ޚަބަރު

ކޯވިޑް ޙާލަތުގައި ތަޢުލީމީ ދާއިރާއިން ކުރީ ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ މަސައްކަތެއް: ނާއިބު ރައީސް


ކޯވިޑް19ގެ ޙާލަތުގައި ތަޢުލީމު ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތްތަކީ ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ކަލާފާނު ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޯވިޑް19ގެ ޙާލާތުގައި އެއްވެއުޅުން މަނާކުރުމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދުވަހަކުވެސް ރާއްޖެ ތަޖުރިބާނުކުރާ އެތައް ކަމަކާއި ކުރިމަތިލާންޖެހުނެވެ. ސްކޫލަށް ހާޒިރުނުވެވުނު ނަމަވެސް، ގޭގައި ތިބި ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދީ 2020 ވަނަ އަހަރުގެ ކިޔެވުން ފުރިހަމަކުރީ ދަތި އުނދަގުލުގައެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ކަލާފާން ސްކޫލްގައި ބޭއްވި އެސެމްބްލީގައި ނާއިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވަނީ ޙާލަތާއެކުވެސް އުނގަންނައިދިނުމަށް ސްކޫލްތަކާ މުދައްރިސުން އަދި ބެލެނިވެރިން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައިވެސް ނުދެކޭފަދަ ދަތި އުނދަގޫ ދުވަސްތަކެއްކަމަށެވެ. ނަމަވެސް ކޯވިޑް ޙާލަތު ކޮންޓްރޯކުރެވި މިހާރު މިވަނީ އާއްމު ޙާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުން އަލުން ފަށާފައިކަމަށެވެ.

ބައެއް ޤައުމުތަކުގައި ކޯވިޑް ޙަލަތާ ގުޅިގެން ތަޢުލީމީ ނިޒާމު މުޅިން ހުއްޓުމަކަށް އައެވެ. ނަމަވެސް އެ ޙަލަތާ އެކުވެސް އެކިގޮތްތުން ތަޢުލީމު ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރި ބުރަ މަސައްކަތް ނާއިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެއިން މި ހޯދީ ބޮޑު ކާމިޔާބީއެއް. މިއީ ސަރަޙައްދީގޮތުންވެސް ފާހަގަކުރެވޭ ކުރިއެރުމެއް. އެހެން ޤައުމުތަކުގަ ކިޔެވުން ހުއްޓުމަކަށް ގެންނަންޖެހުނުއިރު، ޓެލެކިލާހާ އޮންލައިން ކްލާސްތައް ނަގައިދީ ރާއްޖެއިން ކުރީ ފާހަގަކޮށްލެވޭ މަސައްކަތެއް." ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނިމުނު ދިރާސީ އަހަރުގައި ދަރިވަރުންނަށް އެންމެބޮޑަށް އުނިވީ އުނގެނުމުގެ މާޙައުލުން ލިބެންވާ ޢަމަލީ ތަޖުރިބާކަމަށެވެ. އަދި ދަރިވަރުންނަށް ގެއްލުނު ދުވަސްތައް ހޯދައިދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ނާއިބު ރައީސް ގޮވާލެއްވިއެވެ. އެގޮތުން މުދައްރިސުންނާއި ބެލެނިވެރިންގެ މަސައްކަތްތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ އެއްބާރުލުން މި މަސައްކަތުގައި ބޭނުންވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މި ފެށުނު ދިރާސީ އާ އަހަރުގެ ތަހުނިޔާ ސްކޫލްތަކަށް ފޮނުއްވާ، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.