ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެސްޓީއޯއަށް


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތަފްސީލް ހިއްސާކޮށްފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ހިއްސާވާ 30 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތަފްސީލް ހިއްސާކޮށްފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 7.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު %14 ދަށް އަދަދެކެވެ. އަދަދުން ބަލާނަމަ މިއީ 1.1 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މި 30 ކުންފުނީގެ ތެރެއިން ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށެވެ. އެއީ 2.1 ބިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުންފުންޏަކަށް އެސްޓީއޯ ވީނަމަވެސް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު އެސްޓީއޯގެ އާމްދަނީވެސް ވަނީ %13 ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށެވެ. އެމްއޭސީއެލްއަށް 1 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ.

ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރޭގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ފަސް ކުންފުންޏެއް އޮތްކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ ފަހިދިރިއުޅުން ކޯޕަރޭޝަންއާއި، މޯލްޑިވްސް ސެންޓަރ ފޮ އިސްލާމިކް ފައިނޭންސްއާއި، މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަންއާއި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އެވެ.

މީގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނާއި މޯލްޑިވްސް ސެންޓަރ ފޮ އިސްލާމިކް ފައިނޭންސް އަދި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެއްވެސް އާމްދަނީއެއް ލިބިފައިނުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.