ތިމާވެށި

ކޮޕް 21 ގެ ހަވާސާގައި ރާއްޖެއިން ޕްރެޒެންޓޭޝަނެއް ހުށައަޅައިފި


މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން ކުދި ގައުމުތައް ސަލާމަތްވުމަށް އޮތް އެއް ހައްލަކީ "ސޭފަރ އައިލެންޑްސް" ނުވަތަ ރައްކާތެރި ރަށްތަކެއް ތަރައްޤީކުރުން ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ކޮޕް 21 ގެ ހަވާސާގައި ރާއްޖޭން ބޭއްވި ރަސްމިއްޔާތެއްގައި "ކްލައިމެޓް ރެސިލިއެންޓް ސޭފަރ އައިލެންޑް" ޕްރޮގްރާމް އާއި ގުޅޭ ގޮތުން ދެއްވި ޚާއްސަ ޕްރެޒެންޓޭޝަނެއްގައި އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވީ ސޭފަރ އައިލެންޑްސްއަކީ ތިމާވެށްޓަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ސަމާލުކަން ދީގެން އަދި ދެމެހެއްޓެނިވި ތަރައްޤީ އާއި އިޤްތިޞާދީ ނަޒަރުން ވިސްނައިގެން ތަރައްގީކުރާ ރަށްތަކެއް ކަމަށެވެ.މިނިސްޓަރ ވިދާޅުވީ ސޭފަރ އައިލެންޑްސްއަކީ ތިމާވެށްޓަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ސަމާލުކަން ދީގެން އަދި ދެމެހެއްޓެނިވި ތަރައްގީ އާއި އިޤްތިޞާދީ ނަޒަރަކުން ވިސްނައިގެން ތަރައްޤީކުރާ ރަށްތައް ކަމަށެވެ.ސޭފަރ އައިލެންޑް ތަރައްޤީކުރުމުގައި ރާއްޖޭން ކޮށްފައިވާ ތަޖުރިބާ ހިއްޞާކުރުމުގެ ގޮތުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ރ. ދުވާފަރާއި ތ. ވިލިފުށި ތަރައްގީކޮށްފައިވަނީ ރައްކާތެރި ރަށްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީވެސް ސޭފަރ އައިލެންޑެއްގެ ވިސްނުމުގައި ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި އިތުރު ބޭފުޅުންގެ ތެރޭގައި ލަގްޒަމްބާގްގެ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކެރޯލް ޑައިޝްބާގް އާއި ސޭންޓްލޫސިއާގެ މިނިސްޓަރ އޮފް ސަސްޓޭނަބަލް ޑިވެލޮޕްމެންޓް އެނަރޖީ ސައިންސަސް އެންޑް ޓެކްނޮލަޖީ ޑރ. ޖޭމްސް ފްލެޗަރ އާއި އައިޕީސީސީގެ ޗެއާމަން ޕްރޮފެސަރ ހުއިސަން ލީ ހިމެނެއެވެ.ކުދި ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށްޓަކައި ރާއްޖެއިން ދަނީ އެތައް އަހަރެއް ކުރިން ފެށިގެން މޫސުމީ ބަދަލްތަކުގެ ސަބަބުން ބިންތިރި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނުރައްކަލާއިމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވަކާލާތު ކުރަމުންނެވެ.