ޚަބަރު

23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ސުޒޭން


ސީނިއަރ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން، 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

ސުޒޭންގެ އިތުރުންވެސް 23 އަހަރުން ދަށުގެ ޓީމްގެ ކޯޗިން ސްޓާފުން އެފްއޭއެމްއިންވަނީ އިޢުލާންކޮށްފައެވެ. މިޓީމްގެ ކޯޗަކަށް ކުރިން ހުރީ ނެދަލެންޑްސްގެ ރެނޭ ހިޑިންކްއެވެ. 23 އަހަރުން ދަށުގެ ޓީމްގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ސަބާހު މުހައްމަދު އިބްރާހީމް އާއި ވެލެންސިއާ ކުރީގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޝާހިދު (ޝާޑު)އެވެ. މިދެ ކޯޗުންވެސްވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބްތަކަށް ކޯޗުކަން ކޮށްދީފައެވެ.

23 އަހަރުން ދަށުގެ ޓީމް އެންމެ އަވަހަށް ވާދަކުރާނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ރާއްޖެ ކުޅޭ ކޮލިފައިންގައެވެ. މިކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރައިން އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. މިގުރޫޕްގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައިވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމް އާއި ކޮލިފައިންގައި ހިމެނޭ 11 ގްރޫޕުގެ ތެރެއިން 2 ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމެވެ.

މީގެ ކުރިންވެސް ސުޒޭންވަނީ 23 އަހަރުން ދަށުގެ ޓީމަށް ކޯޗްކޮށްދީފައެވެ. އެއީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި ޓީމަށެވެ.