ކުޅިވަރު

ސާފް ޗެންޕިއަންޝިޕް ރާއްޖެއަށް


މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ. މިފުރުސަތު ރާއްޖެއަށް ލިބުނީ މިއަދު ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭއްވި ބައްދަލުވުމުގައި މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބިޑް ކުރި ގައުމްތަކުގެ ތެރެއިން ރާއްޖެއަށް ފުރުސަތު ދޭން ނިންމުމާއި ގުޅިގެންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވަނީ 2008ވަނަ އަހަރުއެވެ. އެއަހަރު އެމުބާރާތް ބާއްވާފައިވަނީ އަވައްޓެރި ސްރީލަންކާއި ގުޅިގެންނެވެ. ސްރީލަންކާގައި ކުޅުނު ފައިނަލް މެޗްގައި ރާއްޖެއިންވަނީ އިންޑިޔާ ބަލިކޮށް ޗެންޕިއަންކަން ހޯދާފައެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި ސާފް ޗެންޕިއަންޝިޕް މިއަހަރަށް ފަސް ކުރަން ޖެހުނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުންނެވެ. ބަންގްލަދޭޝްގައި މުބާރާތް ނުބޭއްވި މިއަހަރަށް މުބާރާތް ފަސްކުރިއެވެ. ސާފްއިން މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބަންގްލަދޭޝްގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް، އެގައުމްގެ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މުބާރާތް ބޭއްްވޭ ގޮތް ނުވުމުން، އެންމެ ފަހުން ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް)އިން ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބޭނުންވާ ގައުމްތަކުން ބިޑް ކުރުމަށް ހުޅުވާލިއެވެ.

މިއާއެކު ރާއްޖެ އާއި ނޭޕާލް އަދި އިންޑިޔާއިން ޝައުގުވެރިކަން ފާޅު ކުރިއެވެ. ރާއްޖެއިން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ 2008ވަނަ އަހަރެކޭ އެއްގޮތަށް ސްރީލަންކާއާއި ގުޅިގެން މުބާރާތް ބޭއްވުމަށްށެވެ. ނަމަވެސް ފަހުން ރާއްޖެއިންވަނީ ސްރީލަންކާއާއި ނުލާ ރާއްޖޭގައި އެކަނި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ސާފް ޗެންޕިއަންޝިޕް މުބާރާތް ބޭއްވުމަށް ތިން ގައުމްއަކުން ޝައުގުވެރިކަން ފާޅު ކުރިނަމަވެސް، މުބާރާތްތަށް ބިޑްކޮށްފައިވަނީ ރާއްޖެއާއި ނޭޕާލްއިން އެކަންޏެވެ. ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ރާއްޖެއަށް މިފުރުސަތު ދިނީ ކޯވިޑް-19ގެ ހާލަތު ނޭޕާލްއަށް ވުރެއް ރަނގަޅުވުންކަމަށް ބެލެވެއެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނަށް ނުކުޅެވޭނެއެވެ. އެއީ އެ ގައުމު މި ވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

ފަސް ގައުމު ކުޅޭނަމަ ސާފްގެ ވިސްނުމަކީ މި ފަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅުމެވެ. އެކަމަކު، ބޫޓާން ކުޅޭނަމަ މި ފަަހަރުގެ ސާފްގެ މެޗުތައް ކުރިއަށްދާނީ ހަ ގައުމުގެ މެދުގައި ދެ ގްރޫޕަށް ބަހާލައިގެންނެވެ. އެއީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާންގެ މެދުގަ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.