ތިލަފުށީގެ ފުރަތަމަ ފިޔަވަހީގައި ހުރި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީއިން ވިދާޅުވީ ތިލަފުށީގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ލިބިގެންދާނީ ދެވަނަ ފިޔަވެއްސާއެކުގައިކަމަށެވެ.
މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ތަރައްޤީކޮށްފައިވާ ތިލަފުށީގެ ފުރަތަމަ ފިޔަވަހީގައި ޙައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން އެއީ ކުނި އަޅައިގެން ހިއްކާފައިވާ ތަނަކަށްވުމާއެކު ކުނި ޑީކޮމްޕޯޒް ވުމުގެ ސަބަބުން ބިންގަނޑު އަޑިއަށް ދިޔުމުގެ މައްސަލަ ވަރަށް ބޮޑަށްވަނީ ކުރިމަތިވެފައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ ބިންގަނޑު އަޑިއަށް ދިޔުމުގެ ސަބަބުން ޢިމާރާތްތަކަށް ގެއްލުންވަމުންދާކަމުގެ ޝަކުވާތަކެއް ލިބެމުން އަންނަކަމަށެވެ.
ސުހެއިލް ވިދާޅުވީ އެކަމަށް ދާއިމީ ޙައްލެއް ލިބޭނީ ދެވަނަ ފިޔަވަހި ހިއްކާ އެސަރަޙައްދުން ބިން ދޫކުރަން ފެށޭ ހިސާބުންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހުރި ތަންތަނުގެ ތެރެއިން ދެވަނަ ފިޔަވައްސަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަމެއް ދެއްވާނެކަމަށް ސުހެއިލް ވިދާޅުވިއެވެ. އަދި މިގޮތަށް ގިނަ ބަޔަކު ދެވަނަ ފިޔަވައްސަށް ބަދަލުކުރެވިއްޖެކަމުގައިވާނަމަ ފުރަތަމަ ފިޔަވަހީގެ ބިންގަނޑު އިތުރަށް ލެވެލްކޮށް ފަސްގަނޑު ރަނގަޅުކުރުމުގެ މަސައްކަތް ކުރާނެކަމަށް ސުހެއިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުރިހާކަމެއް ކުރުމުގައިވެސް ބަލާނީ މިތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރެވޭތޯ. އަދި އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން މިދަނީ. މިތަނުގައި ތިބި މީހުންގެ ޚިޔާލާއި ކުރިމަތިވެފައިވާ ދަތިތައް އެންމެ ރަނގަޅަށް ބެލުމަށް."
ޕްލޭނެއް ނެތި ތަރައްޤީކޮށްފައިވާ ތިލަފުށީގެ މައްސަލަ ޙައްލުކުރުމަށް މިވަގުތަށްވެސް ކުރެވެން ހުރި ކަންކަން ދެނެގަތުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މިއާއެކު ތިލަފުށީގެ ނަރުދަމާއާއި ރައްކާތެރި ބޯފެނާއި ކަރަންޓުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. ދެހާހެއް ހާ މީހުން އެކި މަސައްކަތްކުރުމަށް ޤާއިމުވެތިބޭ އަދި ދުވާލެއްގެ މައްޗަށް ފަސްހާހެއްހާ މީހުން މަސައްކަތްކުރުމަށް ދަތުރުކުރާ ތިލަފުށީގައި ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން 1.2 ކިލޯމީޓަރުގެ މަގެއް ހެވީވެހިކަލް ދުއްވޭ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މީގެއިތުރުން ތިލަފުށީގެ މެދުތެރޭގައި ފެން ހަރުލާފައި ހުންނަ މައްސަލަވެސް ޙައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.
މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ކަނެކްޓިވިޓީ ބްރިޖާއެކު ތިލަފުއްޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ދެޕޮއިންޓަކުން ސީދާ ތިލަފުށީގައި އަލަށް ޤާއިމުކުރާ މަގާއި ބްރިޖު ގުޅެއެވެ. މީގެ އިތުރުން ތިލަފުށީގައި ނުނިވި އަނދަމުން އަންނަ އެތައް ޓަނެއްގެ ކުނި ފުނީގެ މައްސަލައަކީ މުޅި މާލެ ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ނުރައްކާތެރި މައްސަލައެކެވެ. އެތައް ޒަމާނެއްވެފައިވާ މިކުނި ފުނި ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިއަހަރު ނިމެންވާއިރަށް ބޮޑުބައެއް ހުސްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ދެވަނަ ފިޔަވަހި ތަރައްޤީވެގެން އަންނައިރު މުޅި ތިލަފުއްޓަކީ މާލެއިން މީހުން ހަފްތާ ބަންދުގައި ކުރު ދަތުރުތައް ކުރާ ރަށަކަށް ބަދަލުވެގެން އަންނާނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.