ޚަބަރު

މެސީ ދިޔަސް ބާސެލޯނާގައި މަޑުކުރާނަން: އަގުއޭރޯ


މެސީ ޓީމްގައި ނުހުންނާނެކަން އެނގުމާއެކު ބާސެލޯނާ ދޫކޮށްދާނެކަމަށް ސާޖިއޯ އަގުއޭރޯ ބުނި ނަމަވެސް، ބާސެލޯނާގައި މަޑުކުރުމަށް މިހާރު ނިންމާފައިވާކަމަށް ދާދި ފަހުން އެޓީމްއާއި ގުޅުނު އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފިއެވެ.

ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަށް ހުރި ގޮތުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީ ޓީމްގައި ނުބެހެއްޓޭނެކަން އެގިގެން ދިއުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައެވެ. ބައެއް މީޑީޔާތަކުން ރިޕޯޓް ކުރި ގޮތުގައި މެސީ ޓީމްގައި ނުހުންނާނެކަން އެނގުމާއެކު އަގުއޭރޯވަނީ އޭނާގެ ލޯޔަރާއެކު ވާހަކަދައްކައިގެން ބާސެލޯނާ ދޫކޮށްލެވޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފައެވެ.

33 އަހަރުގެ އަގުއޭރޯ ބާސެލޯނާއަށް ބަދަލްވެފައިވަނީ ޕްރިމިއަރ ލީގްގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިންނެވެ. މިހާރު ބާސެލޯނާގައި މިސީޒަންގައި މެސީ ނުހުންނާނެކަން ޔަގީންވެފައިވާއިރު، ދާދި ފަހުން ދިން އިންޓަރވިއުއެއްގައި އަގުއޭރޯ ވަނީ ބާސެލޯނާ ދޫކޮށްދާން ބޭނުން ނުވާކަމަށާއި މެސީ ނެތްނަމަވެސް ބާސެލޯނާއި މަޑުކުރާނެކަމަށް ބުނެފައެވެ. އަދި މިސީޒަންގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާ ރަނގަޅު ކާމިޔާބީތަކެއް އެޓީމްއާއެކު ހޯދުމަށްވެސް ބޭނުންވާކަމަށް އަގުއެރޯ ބުންޏެވެ.

މިއީ ސްޕެނިޝް ލީގްގެ ޓީމްއަކަށް އަގުއެރޯ ކުޅޭ ދެވަނަ ފަހަރުއެވެ. މީގެ ކުރިން އަގުއެރޯވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅެފައެވެ. އަގުއެރޯ ސިޓީއަށް ބަދަލްވެފައިވަނީ 2011 ވަނަ އަހަރުއެވެ. ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަގުއެރޯ ވަނީ އެޓީމްއަށް ކުޅެދިން 390 މެޗްގައި 260 ލަނޑު ޖަހާފައެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.