ޚަބަރު

މާލެ ސަރަޙައްދުގައި އެޕޮއިންޓްމަންޓް ނެތި ވެކްސިން ޖެހޭގޮތް ހަދައިފި


މާލޭގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާ ސެންޓަރުތަކުން އެޕޮއިންޓްމަންޓާ ނުލާ ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެޕޮއިންޓްމަންޓާ ނުލާ ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސިނަމަވެސް، އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަން އަންނަ މީހުންނަށް އިސްކަންދޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރުވެސް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ކަންކަން ފެށި އެއް ޤައުމެވެ. މިހާތަނަށް ރާއްޖޭގަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 282،000 އިން މައްޗަށް އަރާފައެވެ.

ރާއްޖޭގެ އާބާދީގެ %90 އަކީ ކޮވިޑުން ދިފާޢުވުމަށްޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ އާބާދީއަކަށް ހެދުމަށް ސަރުކާރުންވަނީ އާ ވެކްސިން ޕްރޮގްރާމެއްވެސް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަށް ވަނީ މަސައްކަތް ފަށާފައެވެ.

އެންމެ ފަހުން ވެކްސިން ޖެހުން ކުރިއަށްގެންދަމުން އައީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ނަމަވެސް އެޗްޕީއޭއިން އަނެއްކާވެސް މިވަނީ އެޕޮއިންޓްމަންޓް ނުލާ ވެކްސިން ޖެހޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. އެޗްޕީއޭއިން ވިދާޅުވީ މާލޭ ސަރަޙައްދުގައި ވެކްސިންދޭ ސެންޓަރުތަކުގެ ތެރެއިން، އެސްޓްރާޒެނެކާ ވެކްސިން ދޭ ސެންޓަރުތަކުން، މިހާރު އެޕޮއިންޓްމަންޓް ނެގުމާ ނުލާވެސް ވެކްސިން ޖެހޭނެކަމަށެވެ. ނަމަވެސް ކުރިއާލާ އެޕޮއިންޓްމަންޓް ހައްދާފަވާ މީހުންނަށް ވެކްސިން ޖެހުމުގަ އިސްކަންދޭނެކަމަށެވެ.

މާލެ ސަރަޙައްދުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާދޭ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރ، އިސްލާމިކް ސެންޓަރ، އަރޓް ގެލަރީ އަދި ވިލިމާލެ ހޮސްޕިޓަލްގެ ވެކްސިނޭޝަން ސެންޓަރުންނެވެ. މި ތަންތަނުން އެޕޮއިންޓްމަންޓާ ނުލާ މިހާރު ވެކްސިން ޖެހޭނެއެވެ.

ރާއްޖޭގައި ކޯވިޑް ދިފާޢު ވެކްސިން ޕްރޮގްރާމް ފެށީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. މިހާތަނަށް އައިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 329،000 މީހުން ޖަހާފަވެއެވެ. އަދި ދެވަނަ ޑޯޒް 282،000 އަށްވުރެ ގިނަ މީހުން ޖަހާފައިވާއިރު ވީހާވެސް އަވަހަށް ހުރިހާ ފަރާތްތަކުންވެސް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ދެމުންދަނީ އެސްޓްރާޒެނެކާއާ ސިނޯފަރމް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް، ދެވަނަ ޑޯޒްގެ ގޮތުގަ އެސްޓްރާ ޒެނެކާ ވެކްސިން ޖެހޭނެއެވެ.