ޚަބަރު

މުބާރާތްތައް ކުރިއަށް ގެންދެވޭނީ ވެކްސިން ފުރިހަމަކޮށްގެން: އެޑިއުކޭޝަން


ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް ހަމަޖެހިފައިވީނަމަވެސް އިންޓަރ ސްކޫލްގެ މުބާރާތްތަށް ކުރިއަށް ގެންދެވޭނީ 12 އަހަރުން މަތީގެ ހުރިހާ ކުދިން ވެކްސިން ޖެހުމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ވަރަށް ގިނަ އެސޯސިއޭޝަންތަކަށްވަނީ އިންޓަރ ސްކޫލް މުބާރާތް ކުރިއަށް ނުގެންދެވިފައެވެ. މާލެ ސަރައްހަދުގެ ކޯވިޑް-19ގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުގެ 1ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއިންވަނީ އިންޓަރ ސްކޫލް މުބާރާތްތަށް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އޭރުގައި މާލެ ސަރައްހަދުގެ ކޯވިޑް-19ގެ ހާލަތު އޮތް ގޮތުން، ކޯވިޑް-19އަށް ފައްސިވާ މިންވަރު ދިޔައީ މަތިވަމުންނެވެ.

މާދަމާ ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިންވަނީ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމަށް ހާއްސަ ޕްރޮގްރާމްއެއް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގަވާފައެވެ. މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލް މުވައްޒަފުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާޒް ކުރާއްވާކަމަށެވެ. އަދި ދަރިވަރުންނަށް ވެކްސިން ޖެހުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މި ހަފްތާގެ ތެރޭގައި ދަރިވަރުންނަށް ޚާއްސަ ވެކްސިން ޕްރޮގްރާމް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް އެސޯސިއޭޝަން ބުނީ މިއަހަރުގައި ބާކީ މިއޮތް 5 މަސް ދުވަސްގެ ތެރޭގައި އިންޓަރ ސްކޫލް މުބާރާތްތަށް ބޭއްވޭނެކަމަށް ގަބޫލް ނުކުރާކަމަށާއި ނަމަވެސް މިއަންނަ އަހަރު އިންޓަރ ސްކޫލް މުބާރަތްތަށް ވަރަށް ފޯރިއާއެކު ބޭއްވޭނެކަމަށް އުއްމީދު ކުރާކަމަށެވެ.