ޚަބަރު

މުޖުތަމަޢަށް ނުރައްކާއޮތް ބަލިމަޑުކަމެއްގައި އެންމެންގެ ޒިންމާބޮޑު


ކޯވިޑް-19 އާއިއެކު ދުނިޔެއަށް ދިމާވި ބޮޑު ބަލިމަޑުކަމުގައި، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުންވެސް ދުނިޔެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކޯވިޑުން ރައްކާތެރިވުމަށްޓަކައި، މުޅި ދުނިޔެ އެކީ މަސައްކަތް ކުރަމުންދާއިރު، ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހަކީ ފާއިތުވެދިޔަ ކުރު މާޒީގައި ދުނިޔެ ދުށް އެންމެ އަނދިރި އަހަރުތަކެވެ.

ނުރައްކާތެރި ކޯވިޑް ބަލީގައި އެތައް ދުވަހަކު އާއިލާތަކަށްވެސް ނުފެނި ހޮސްޕިޓަލުތަކުގައި ފަރުވާދިނުމަށްފަހު އެތައް މިލިޔަން ބަޔަކު ދުނިޔެއާއި ވަކިވެގެން ދިޔަކަމީ މިއަދުވެސް ފެންނަން އޮތް ހިތްދަތި ތަޖުރިބާއެވެ. މިވަގުތުގައިވެސް ދުނިޔޭގެ އެތައް ޤައުމެއްގައި މިހިތްދަތި އިހުސާސް ކުރާ އެތައް ބަޔަކުވެއެވެ.

ކޯވިޑަށް އަވަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި، ތަޖުރިބާކާރުންގެ މަސައްކަތުން ތައްޔާރު ކޮށްފައިވާ ވެކްސިންތަކަކީ މިއަދު މިބައްޔާއި ދެކޮޅަށް އޮތް ހަމައެކަނި ފަރުވާއެވެ. މުޅި މުޖުތަމައުގެ އާންމު ފަރުދުންނާއި، ތިމާގެ އާއިލާއާއި، އަމިއްލަ މީހާގެ ރައްކަލަށް ވެކްސިނަކީ އިޚްތިޔާރީކަމަކަށް ހެދުމަށްވުރެ އެންމެންގެ ސަލާމަތަށް ޖަހާ އެއްޗަކަށް މިވަނީ ވާންޖެހިފައެވެ.

ދީނީ ގޮތުންނައި ދުނިޔެވީ ގޮތުން ބެލިކަމުގައި ވީނަމަވެސް ތިމާގެ ފަރާތުން އަނެކާ ނުރައްކަލަށް ވައްޓާލެވޭ ފަދަކަމަށް ޖާގަނުދީ، އެންމެންގެ ރައްކަލަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ހެޔޮކަމެކެވެ. ވެކްސިން ޖެހުމަށް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ހަރުކަށި ފިޔަވަޅުތައް އަޅައި، ވެކްސިން ޖަހަން ބާރުއަޅަނީ ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރާއި، މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބެލުމަށްފަހުއެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމަށް ރާއްޖޭގައިވެސް ވަނީ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އެއްވެސް ޤައުމެއް މީހެއް ތަފާތު ކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޯވިޑްގެ ވެކްސިން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެވެ. މިއަދު ރާއްޖޭގެ އެންމެނަށް އެއްވެސް ދަތިކަމެއްނެތި ވެކްސިން ޖެހޭވަރަށް ވެކްސިން ރާއްޖެއަށްވަނީ ލިބިފައެވެ. މިފަދަ ބޮޑު ނަސީބެއް ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ ލިބިފައިވެސް ނުވެއެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުލިބި ތިބި ޤައުމުތައް މަދެއްނޫނެވެ. ރާއްޖެއަށް ލިބިފައި މިވާ ފުރުސަތުގެ ބޭނުން ކޮންމެ ބޭފުޅަކުވެސް ފަރުދީ ގޮތުން އަދާކުރުމަކީ މުޅި މުޖުތަމައުގެ ރައްކަލަށްޓަކައި ކުރަންޖެހިފައިވާ ކަމެކެވެ.

ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ރާއްޖެއިންވެސް ވަނީ ވެކްސިން ނުޖަހާ މީހުންނަށް ޚާއްސަ ޝަރުތުތަކެއް ކަނޑައެޅުމަށް ނިންމާފައެވެ. މީގެވެސް ބޭނުމަކީ އަދަބުތަކެއްދިނުމުގެ ބަދަލުގައި އެންމެންގެ ރައްކާތެރިކަން ޔަގީން ކުރުމެވެ.

ކޯވިޑް ވެކްސިން ޖެހުމަށް ރާއްޖޭގައި ޝަރުތު ހަމަވާ އާބާދީގެ ގާތްގަނޑަކަށް %21 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން %40 މީހުން އަދިވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކާ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ ފަރާތްތަކާމެދު ބައެއް ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެޖެންސީން ވަނީ އަންގަވާފައެވެ.

ވެކްސިން ނުޖަހާ މީހުންނަށް ޝަރުތުތައް ކަނޑައެޅުމަށް ނިންމާފައިވާ ޚިދުދަތްތަކުގެ ތެރޭގައި:

  • ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން
  • ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތައް
  • ޕަބްލިކް ޓްރާންސްޕޯޓާއި، ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރުން
  • ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ޚިދުމަތްތައް ދޭ ފަރާތްތައް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ - ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް)
  • އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ޙާޟިރުވުން


ކޯވިޑުން ރައްކާތެރިވުމަށްޓަކައި، ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ލުއިތަކާއެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި، ވެކްސިން ޖެހުމަށް ކުރެވޭ މަސައްކަތަކީ މިއަދު ކޮންމެ މީހެއްގެވެސް ފަރުދީ އަދި އަދާކުރަންޖެހޭ ޒިންމާއެއްކަމަށް ދެކެންޖެހެއެވެ. ތިމާގެ އާއިލާއާއި އަނބިދަރިންނާއި، މުޅި މުޖުތަމައުގެ ރައްކަލަށްޓަކައި ކޯވިޑްގެ ވެކްސިން ދެޑޯޒް ފުރިހަމަ ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށް ދެކެންޖެހެއެވެ.