ޚަބަރު

ބައި-އިލެކްޝަން : ފެރިދޫގެ ހުރިހާ ގޮނޑިއެއް އަމިއްލަ ކެނޑިޑޭޓުންނަށް


ފަސް ރަށެއްގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

މިއަދު އިންތިޚާބު ބާއްވާފައިވަނީ، ނ.ކެނދިކުޅުދޫއާއި، އެއަތޮޅު މާފަރާއި، ހދ.ނޮޅިވަރަމާއި، ކ.ދިއްފުށި އަދި އއ.ފެރިދޫގައެވެ.

އެގޮތުން ނ.ކެދިކުޅުދޫގައި އިންތިޚާބު ބާއްވާފައިވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިސްތިއުފާދެއްވާފައިވާތީއެވެ. އަދި ނ.މަގޫދޫގައި އިންތިޚާބު ބާއްވާފައިވަނީ، ދެވަނަ ބުރުގެ އިންތިޚާބުގައި ވާދަކުރި ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓްގެ ޢަދަދު އެއްވަރުވުމާއި ގުޅިގެންނެވެ. އަދި އަނެއް ތިން ރަށުގައި އިންތިޚާބު ބާއްވާފައިވަނީ، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކެނޑިޑޭޓުން ކުރިން ކުރިމަތިލާފައި ނުވާތީއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 4937 މީހަކަށް ލިބިގެންވާއިރު ވޯޓްލީ1163 މީހުންނެވެ.

މިއަދު ބޭއްވި ފަސްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީޕީއެމަށް 3 ގޮނޑި އެމްޑީޕީއަށް 2 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި 4 ކެނޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. މިގޮތުން އއ.ފެރިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވި ހުރިހާ މެންބަރުންނަކީވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންނެވެ. އެހެންކަމުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންނަށެވެ. މީގެކުރިން ބޭއްވި ކައުންސިލް އިންތިޚާބުގައިވެސް ފެރިދޫގެ ކައުންސިލްގެ ފަސް ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެނޑިޑޭޓުންނެވެ.

މި އިންތިޚާބުގައި 12 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން ވޯޓުލީ 11 ވޯޓުފޮއްޓަކަށެވެ. އެއް ވޯޓު ފޮއްޓަށް އެއްވެސް މީހަކު ވޯޓުލާން ގޮސްފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މާލޭގައި ކެނދިކުޅުދޫ މީހުން ވޯޓުލުމަށް ބެހެއްޓި ވޯޓުފޮއްޓަށް ގަޑި ހަމަވިއިރުވެސް އެއްވެސް މީހަކު ވޯޓްލާފައިނުވާކަމަށެވެ. އެވޯޓު ފޮއްޓަށް ވޯޓުލުމަށް 205 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ.

ވަގުތީ ނަތީޖާ އިއުލާންކުރުމަށް ފެރިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އިންތިޚާބަށާއި، ޑިމޮކްރަސީއަށް ޢާންމުން ހޭލުންތެރިކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ މިމަހުގެ 10ގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.