ޚަބަރު

ސްޓިކާ ޖޫރިމަނާތަކުގައި ސުވާލު އުފެދޭނަމަ މިނިސްޓްރީއަށް މައްސަލަ ހުށަހެޅޭނެ


ވެހިކަލްތަކުގައި ސްޓިކާ ޖެހުމުން އެކަމާއި ހިތްހަމަނުޖެހި، ނުވަތަ ޝަކުވާއެއް އޮތްނަމަ އެކަން ޓްރާސްޕޯޓް މިނިސްޓްރީއަށް ހުށަހެޅޭނެކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރާ ގުޅޭ ޤާނޫނުގައި ބުނާގޮތުން މިފަދަ މައްސަލަތަކުގައި 90 ދުވަސް ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ލިބިދީފައިވެއެވެ.

އެއްގަމު ދަތުރުފަތުރާއި ގުޅޭ ޤާނޫނަށް ގެނައި 4 ވަނަ އިސްލާހުގައި ހިމެނޭ ޓްރެފިކް ޖޫރިމަނާއާއި ގުޅޭގޮތުން ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަން ވިދާޅުވީ މިޤާނޫނުގެ ތެރެއިން ގަވާއިދާ ޚިލާފްވާ މީހުންނަށާއި، ފުލުހުންނަށްވެސް ބާރުތަކެއް ލިބިފައިވާކަމަށެވެ.

އަސްލަން ވިދާޅުވީ ޤާނޫނުތައް ހަދައި ޤާނޫނުތަކަށް ބަދަލު ގެންނަނީ އާންމުރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައެވެ. އަދި މާލެސަރަހައްދުގައި ވެހިކަލްތައް ގިނަވެ ޕާކްކުރަން ޖާގަ ދަތިވާ ވަރަށް ކަންކަން ގޮސްފައިވަކަމަށް ގަބޫލުކުރާކަމަށާއި މިކަންކަމަށް ރިޢާޔަތްކޮށް ގިނަ ޕާކިން ޒޯންތައް ހަދައި ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތްތަކެއް ކަމާއިބެހޭ ފަރާތްތަކުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓްރެފިކް ޖޫރިމަނާއަކީ ދައުލަތަށް ލާރި ހޯދުމަށް ކުރެވޭ ކަމެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެއީ އެމަޤްސަދުގައި ކުރާކަމެއް ނޫންކަމަށް އަސްލަން ވިދާޅުވިއެވެ. އަދި ޖޫރިމަނާ ކުރެވިގެންދަނީ ޤާނޫނުތަކާއި ގަވާއިދުތަކަކީވެސް ތަންފީޒު ކުރަންޖެހޭ އެއްޗަކަށް ވެފައި، އެންމެންގެ މަސްލަހަތައްޓަކައި ކަމަށް އަސްލަން ވިދާޅުވިއެވެ.

ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ސްޓިކާ ޖޫރިމަނާތަކުގައި މިހާރު ޝައްކު އުފެދޭ ފަދަ ޖޫރިމަނާއެއް ވާނަމަ އެކަން 90 ދުވަހުގެ ތެރޭގައި ޓްރާސްޕޯޓް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. އަދި ޤާނޫނުގައި މިހާރު އޮތް ގޮތުން ކިތަންމެ ގިނަ ސްޓިކާ ޖެހި ކަމުގައި ވީނަމަވެސް ޖޫރިމަނަ ކުރެވޭނީ 250 ރުފިޔާއިންނެވެ. ޤާނޫނުގައި ކުރިން އޮތް ގޮތުން އެއްފަރަށް ވުރެއް ގިނައިން އެއް ވެހިކަލެއްގައި ސްޓިކާ ޖަހާނަމަ 750 ރުފިޔާ ދައްކަން ޖެހެއެވެ.

ޓްރެފިކް ޖޫރިމަނާތަކުގެ ތެރެއިން ގަވާއިދާއި ޚިލާފަށް ދުއްވާ ވެހިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދުއްވާ މީހާ ޖޫރިމަނާކުރެވޭ އުސޫލަކީވެސް ޤާނޫނުގެ ތެރެއިން އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ގަވާއިދާއި ޚިލާފަށް ބާރަށް ވެހިކަލް ދުއްވާ މީހުންނާއި، ނުރައްކާތެރި ގޮތްގޮތަށް ވެހިކަލް ދުއްވާ މީހުން ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރެވެނީ 2،000 ރުފިޔާއިންނެވެ. އަދި ސައިކަލު 30 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ.

ތަކުރާރުކޮށް މިކުށް ކުރާމީހުންނަށް ޖޫރިމަނާ ބޮޑެތު ވެހިކަލް ނައްތާލުމާއި ހަމައަށްވެސް ޤާނޫނުން ޖާގަދޭކަމަށް ފުލުހުން ވިދާޅުވެފައެވެ. ޓްރެފިކް ޖޫރިމަނާއަކީ އެއްވެސް ހާލެއްގައި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަދަބެއް ދިނުމަށް އޮތް އެއްޗެއް ނޫންކަމަށާއި، އެއީ ޤާނޫނުގެ ތެރެއިން އެންމެގެ ރައްކަލަށް ކަނޑައެޅިފައިވާ ކަންތައްތަކެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.