އަތޮޅުތައް

އައްޑޫސިޓީ ލިންކްރޯޑުގެ މަގުމަތީ ނިޝާންތައް އާކޮށް މިމަހު ނިމޭނެ


އައްޑުސީޓީގެ ލިންކްރޯޑްގެ ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށްނިމިފައިވާކަމަށާ މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް މިމަހުގެ ނިޔަލަށް ނިންމާލެވޭވަރުވާނެކަމަށް ރޯޑްޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.



ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ  އިބްރާހިމް ނަޒީމް ވިދާޅުވީ އައްޑޫ ލިންކްރޯޑްގައި ހަރުކުރާ މަގުމަތީ ނިޝާންތައް ބޭރުން އޮޑަރުކޮށްގެން ގެނެސްފައިވާކަމަށެވެ.



ނަޒީމް ވިދާޅުވީ ލިންކްރޯޑުގައި ހަރުކުރާ ނިޝާންތަކާ އަދި ސްޕީޑް ބްރޭކަރ ތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާފަދަ ނިޝާންތަކެއްކަމަށެވެ.



ނަޒީމް ވިދާޅުވީ އައްޑޫ ލިންކްރޯޑަކީ ގިނަ އަދަދަކަށް އެކްސިޑެންޓްތައް ހިނގާ ތަނަކަށްވުމުން، އަލަށް ހަރުކުރެވޭ ނިޝާންތައް ހަރުކުރެވޭނީ އެކްސިޑެންޓްތައް މަދުކުރެވޭނެގޮތަށް ބަލައިގެންކަމަށެވެ.



ނަޒީމް ވިދާޅުވީ މަގުމަތީގެ ނިޝާންތައް ހަރުކުރެވޭނީ ހައުސިންގ މިނިސްޓްރީއާ ފުލުހުންގެ މަޝްވަރާގެ މަތިން އެފަރާތްތަކުން ކަނޑައަޅުއްވާ ތަންތަނުގައި ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާހެދި މަސައްކަތް ލަސްވެގެންދިޔަނަމަވެސް ކަނޑައެޅިފައިވާ ތާރީޚްގައި މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.