ޚަބަރު

ގިނަ މީހުންނަށް ބައިވެރިވެވޭގޮތަށް ޕާޓީތައް ބޭއްވުމުގެ ހުއްދަ ދީފި


ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކައިވެނި ޕާޓީތަކާއި، ހަފްލާތައް ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދީފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ ހާލަތު ނިއުނޯމަލްގައި އޮތުމުން އައު އާންމު ހާލަތާއިއެކު އުޅުމަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައިވަކަމަށެވެ. އެގޮތުން ކައިވެނި ޕާޓީތަކާއި ހަފްލާތައް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މާދަމާއިން ފެށިގެން ކައިވެނި ޕާޓީތަކާއި، ހަފްލާތައް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުމުގެ ހުއްދަ ދިން ނަމަވެސް، ގައިދުރުކަމާއި، މާސްކު އެޅުމާއި، ގައިޑްލައިންތަކުގައި ވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާކަމަށެވެ.

ކޯވިޑް-19ގެ ކޭސްތައް މަދުވަމުން ދިޔަ ކަމުގައި ވީނަމަވެސް، މިހާރުވެސް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށްދާ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވާކަމަށާއި، އެހެންކަމުން ގިނަ މީހުން އެއްވާ ހާލަތްތަކުގައި މިކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ގިނަ މީހުން ބައިވެރިވެގެން ނުބޭއްވޭގޮތަށް ކަނޑައަޅާފައި އޮތުމަށްފަހު، މިފަހުން ދިން ލުއިތަކުގައި ވަކި އަދަދަކަށް މީހުން ބައިވެރިވެގެން ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދީފައިވެއެވެ.