ޚަބަރު

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދަން މިރޭ ފަށާނެ


މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް މިރޭ ފަށާނެއެވެ.

މިގޮތުން މިރޭ 8:30ގައި ބައްވާ ބައްދަލުވުން ބައްވާނީ ގަލޮޅުގައި ދިިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ސިޓީ ޕާކުގައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިނަށް ރިޢާޔަތްކޮށް ސިޓީ ކައުންސިލުން ހުށަހެޅި ގައިޑްލައިނާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދީފައިވާކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިއިން ކޮންމެ ބައްދަލުވުމެއް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައި ކަމަށެވެ. އެގޮތުން މިރޭ އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅުގައި ދިިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ސިޓީ ޕާކުގައި ބާއްވާ ބައްދަލުވުމެވެ. މިމަހުގެ 8 ވަނަ ދުވަހު ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ވިލިމާލެ ފުޓުބޯޅަ ދަނޑުގައި މިބައްދަލުވުން އޮންނައިރު މައްޗަންގޮޅި ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު މާފަންނު ޓާފް ދަނޑުގައެވެ. މާފަންނު ރައްޔިތުންނަށް މިމަހުގެ 12 ވަނަ ދުވަހު މި ބައްދަލުވުން ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ހެންވޭރުގެ ރައްޔިތުންނަށް މި ބައްދަލުވުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކްގައެވެ. އަދި ހުޅުމާލޭގައި ދިރިިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެންވެސް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާގައެވެ.

މި ބައްދަލުވުންތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ޚިޔާލު ހޯދުމާއި، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ގުޅީފަޅުން ގޯއްޗާއި ފްލެޓް ދޭނެ ބިން ކަނޑައެޅުމާމެދު ޚިޔާލު ހޯދުމަށްކަމަށެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތަށް މަގުބަންދުކުރުމުގެ ވަގުތާ ބެހޭގޮތުންނާއި، މަގުމަތީގައި ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ކަންކަން ރަނގަޅުކުރުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެއްގަމު އުޅަނދު ދުއްވުން މަނާ ގޯޅިތަކާއި ބެހޭގޮތުންނާއި، ޓްރެފިކް ވާޑުން ތަޢާރަފްކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މި ބައްދަލުވުމުގައި ޕާކިންގ ބިލްޑިންގްތައް އަޅާނެ ތަންތަނާއި ބެހޭގޮތުންނާއި، ފުޓްސަލް ދަނޑާއި ނެޓްބޯލް ކޯޓްތައް އަޅާނެ ތަންތަނާއި ބެހޭގޮތުންވެސް މަޝްވަރާކުރާނެކަމަށެވެ. މީގެ އިތުރުން އެ އަވަށަކަށް ޚާއްޞަ ބައެއް ކަންކަމާބެހޭގޮތުންވެސް މަޝްވަރާކުރާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ މި ބައްދަލުވުންތަކަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ރައްޔިތުންގެ ޚިޔާލުތައް ހުށައެޅުމަށް އެދިވަޑައިގެންފައެވެ.