ޚަބަރު

މޮނާކޯއާއި ސްޕާޓާ ޕްރާގް ބައްދަލު ކުރި ފުރަތަމަ ލެގް މޮނާކޯ ކާމިޔާބުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށްޓަކައި މިހާރު ކުޅެމުންދާ ކޮލިފައިންގެ ތިންވަނަ ބުރުގައި މޮނާކޯއާއި ސްޕާޓާ ޕްރާގް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް މޮނާކޯ ކާމިޔާބުކޮށްފިއެވެ.

މިމެޗް މޮނާކޯ ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅެ 2 ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މޮނާކޯއިން ކާމިޔާބުކުރީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައުރެލިއެން ޗޮއަމެނީ އެވެ. މި ލަނޑާއެކު ސްޕާޓާ ޕްރާގްގެ ސަޕޯޓާރުން ނަސްލީގޮތުން އައުރެލިއެންއާ ދިމާކުރުމާއި ގުޅިގެން މެޗުގެ ރެފްރީވަނީ ތިން މިނެޓަށް ކުޅުން ހުއްޓާލާ އެކަން ތަކުރާރު ނުކުރުމަށް ސްޓޭޑިއަމްގައ އެނައުންސް ކޮށްފައެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ މެޗު ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. މި މެޗުގައި މޮނާކޯއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 59ވަނަ މިނެޓުގައި ޖަހާދިނީ ވޮލާރޑްއެވެ.

މި ކާމިޔާބީއާއެކު މިއަންނަ އަންގާރަ ދުވަހު ދެވަނަ ލެގަށް ނުކުންނައިރު މޮނާކޯއަށް މިވަނީ ރަށުން ބޭރުގައި މުހިންމު ކާމިޔާބީއެއް ހާސިލްކުރެވިފައެވެ. މިމުބާރާތުގެ ތިންވަނަ ބުރުގެ ކޮލިފައިންގައި ކްލޫޖްއާއި ޔަންގް ބޯއިސް ބައްދަލުކުރި މެޗް އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. އަދި ޕީއެސްވީ އެއިންދްހޯވެންއާއި މިޓްޖަލަންޑް ބައްދަލުކުރި ފުރަތަމަ ލެގް 3 ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ޕީއެސްވީއެވެ.