ޚަބަރު

އިތުރު 3397 މީހަކު ވެކްސިން ފުރިހަމަކޮށްފި


ރާއްޖެއިން އިތުރު 3397 މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 274،949 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3،397 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 1،298 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 2،099 މީހުންނެވެ. މިއާއެކު ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 274،949 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަ ދުވަހު ޖަހާފައިވަނީ 1492 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 860 މީހަކާއި އަތޮޅުތެރެއިން ވެކްސިން ޖެހި 632 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 325،060 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި އެސްޓްރެޒެނަކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ސަރުކާރުން މިހާރު އަނެއްކާވެސް ވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް މުޅިން އާ ޕްރޮގްރާމެއް ފަށާފައެވެ. އަދި އެސްޓްރަޒެނަކާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ވެކްސިން ޖެހޭ އާބާދީގެ އެންމެން ވެކްސިން ޖެހުމަށާއި ސަރުކާރުގެ ހުރިހާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަ ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.