ޚަބަރު

ލުކާކޫއަށް ޗެލްސީން ހުށަހެޅި 85 މިލިއަން ޕައުންޑް އިންޓަރއިން ބަލައެއް ނުގަތް


އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާންއަށް ކުޅޭމުންދާ ހުނަރުވެރި ފޯވަޑް ރޮމެލޫ ލުކާކޫ ގެންދިއުމަށް ޗެލްސީން ހުށަހެޅި 85 މިލިއަން ޕައުންޑްގެ ބިޑް އިންޓަރއިން ބަލައިނުގަނެ ދޫކޮށްލައިފިއެވެ. ލުކާކޫއަކީ އައު ސީޒަނަށް ޗެލްސީން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔާއެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ޗެލްސީން ލޯއަޅަމުންދިޔަ ބޮރޫޝިއާ ޑޯޓްމުންޑްގެ ޒުވާން ފޯވަޑް އަރލިންގ ހާލަންޑް ވިއްކުމަށް ޑޯޓްމުންޑުން ދެކޮޅު ހެދުމެވެ. އިންޓަރއަށް މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް ލުކާކޫ ވިއްކާލަން އެ ކުލަބުން ބޭނުމެއް ނުވެއެވެ. ކުރިން ޗެލްސީއަށް ކުޅޭފައިވާ ލުކާކޫވަނީ ނިމިދިޔަ ސީޒަނުގައި އިންޓަރ އަށް ސެރީއާގެ ތަށި ހޯދާދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޗެލްސީން ހުށަހެޅި މި ބިޑު ޤަބޫލު ނުކުރުމުން އެ ކުލަބުން އެއަށްވުރެ ބޮޑު ހުށަހެޅުމެއް ހުށަހަޅާނެތޯ މިއީ އުފެދިފައިވާ ސުވާލެކެވެ. ނަމަވެސް އިންޓަރއިން ތިބީ މިއަށްވުރެ ބޮޑު ހުށަހެޅުމެއް އައިކަމަށްވީނަމަވެސް ލުކާކޫ ވިއްކާނުލާން ނިންމާފައެވެ. އަދި ލުކާކޫވެސްވަނީ އިންޓަރގައި ކުރިއަށް އޮތް ސީޒަނުގައި މަޑުކުރަން ބޭނުންކަން ހާމަކޮށްފައެވެ.

ލުކާކޫވަނީ 2011ވަނަ އަހަރުން 2014ވަނަ އަހަރާއި ދެމެދު ޗެލްސީއަށް ކުޅެފައެވެ. ނަމަވެސް އޭނާ އެ ތިން ސީޒަންގައި ކުޅެފައިވަނީ އެންމެ 15 މެޗެވެ. އަދި އެވަޓަންގައި ކާމިޔާބު ސީޒަނެއް ލޯނުގެ ދަށުން ހޭދަކުރުމަށްފަހު އެ ޓީމަށް ލުކާކޫ ވިއްކާލިއެވެ. 2017ގައި ލުކާކޫ އަލުން އެ ކުލަބަށް ގެންދިއުމަށް ޗެލްސީން މަސައްކަތް ކުރި ނަމަވެސް އެފަހަރު ލުކާކޫ ޗެލްސީއަށް ދިއުމުގެ ބަދަލުގައި ދިޔައީ މެންޗެސްޓަރ ޔުނައިޓެޑަށެވެ.