ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި 4 މީހަކަށް ދަޢުވާކުރަން ކޯޓަށް ހުށައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި 4 މީހަކަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާއި ގުޅުހުރި ކަމަށް ތުހުމަތުކުރެވޭ 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަން އެނގިފައިވާކަމަށެވެ. ސީޕީ ހަމީދުވަނީ މެއި ހައެއްގެ ޓެރަރިސްޓު ހަމަލާގެ ތަޙުޤީގުގައި ދެއްވި އެއްބާރުލުން ފާހަގަކޮށް ތަޙުޤީގުގައި ބައިވެރިވި ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ދައުވާއާއި ގުޅޭ އިތުރު ތަފްސީލް ސީޕީ ހާމަކުރައްވާފައި ނުވާއިރު، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޙަމަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ފުލުހުންވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ދަޢުވާކުރަން ފޮނުވި އެ 4 މީހުންގެ ތެރޭގައި ހިމެނެނީ ޙަމަލާއާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް، މުޖާޒް އަހްމަދު، ތަހުމީން އަހްމަދު އަދި އަހުމަދު ފާތިހުއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ކޯޓަށް ހުށައަޅާފައިވާއިރު، މިކަމާއި ގުޅޭ ތަފްސީލު ހާމަކުރެއްވުމަށް މިއަދު 14:00ގައި ނިއުސްކޮންފަރެންސެއް ބާއްވަވާނެކަން ޕީޖީންވަނީ ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 5 މީހެއްގެ ތަހުޤީގު ނިންމައި ދައުވާކޮށްދިނުމަށް ފުލުހުންވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.