ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްގެންދިޔަ ތަޙުޤީގާއި ގުޅިގެން ޕީޖީގެ ނިންމުންތައް މިއަދު ހާމަކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމައްސަލައިގައި ހިމެނޭ 5 މީހެއްގެ ތަހުޤީގު ނިންމައި ދައުވާކުރުމަށް އެދި ފުލުހުންވަނީ ޕީޖީއަށް ފޮނުވާފައެވެ. ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިކަމާއިގުޅޭ އިތުރު މައުލޫމާތު މިއަދު 14:00ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޙިއްސާކުރައްވާނެކަމަށެވެ.
ޕީޖީ އޮފީހުން ނޫސްވެރިންނާއި ބައްދަލުކުރުމަށް ނިންމާފައިމިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައިވާއިރު، އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީއެވެ. އެ މީހުންގެ ބަންދު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ ބެއްލެވި ގާޟީ ހަސަން ސައީދު ނިންމެވީ އެކަށީގެންވާ ހެކި ނެތުމުން އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ. އެމީހުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާކަން ޕީޖީ ވަނީ ކުރިން ހާމަކުރައްވާފައެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން 5 މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުންނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ. މި މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.
މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.