ޚަބަރު

އޮލިމްޕިކްސްގެ ފައިނަލުން ސްވިޑްން ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުޓު ބޯޅައިގެ އަންހެން އިވެންޓްގެ ފައިނަލުން ސްވިޑްން ޖާގަހޯދައިފިއެވެ. ސްވިޑްން ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި އޮސްޓްރޭލިއާ އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ސްވިޑްންއިން ކާމިޔާބުކުރީ އެއްލަނޑު ސުން ލަނޑުންނެވެ. ރިއޯ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި ސްވިޑްން ޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހާދިނީ ފްރިޑޮލީނޯ ރޮލްފޯއެވެ. ރޮލްފޯއަށްވަނީ މިމެޗްގެ ފުރަތަމަ ހާފްގައިވެސް ސްވިޑްންއަށް ލީޑު ނަގާދޭން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ.

މިމެޗްގައި އޮސްޓްރޭލިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިގެން ދިޔައީ ފުރަތަމަ ހާފްގައި އެލޭނާ ކެނެޑީއަށެވެ. މިމެޗްގެ އިތުރު ވަގުތުގައި އޮސްޓްރޭލިއާގެ އެލީ ކާޕެންޓަރއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މިކާމިޔާބީއާއާއެކު މިއަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗްގައި ސްވިޑްން ބައްދަލުކުރާނީ ކެނެޑާއާއެވެ. އަދި ތިންވަނަ ހޮވާ މެޗްގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ އެމެރިކާ އާއި އޮސްޓްރޭލިއާ އެވެ.