ޚަބަރު

ގއ.ވިލިނގިލި ކުނިގޮނޑު ސާފުކޮށް 800 ޓަނަށްވުރެ ގިނަ ކުނި ބޭރުކޮށްފި


ގއ.ވިލިނގިލީގައި ޖަމާވެފައިހުރި 800 ޓަނަށްވުރެ ގިނަ ކުނި އެރަށުން ބޭރުކޮށްފިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި އެތައް ދުވަހެއްވަންދެން ޖަމާވެފައި ހުރި ކުނީގެ ބޮޑެތި ފުނިތައް ރަށުން ބޭރުކުރުމަށް ސަރުކާރުންވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފައެވެ.

ރަށްރަށުގައި ހުރި އެންމެ ގިނަ ދުވަސްވީ ކުނި ފުނިތައް ހުރި 20 ރަށުގައި ހުރި ކުނި ނަގާ އެރަށްރަށުގެ ކުނިގޮނޑު ސާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ވެމްކޯގެ ޓީމުން ފާހަގަކުރައްވައެވެ.

މިމަޝްރޫޢުގެ ދަށުން ގއ.ވިލިނގިލީގައި ހުރި 800ޓަނަށްވުރެ ގިނަ ކުނި ރަށުން ބޭރުކޮށް އެސަރަޙައްދު ސާފުކޮށްފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި މިމަސައްކަތް ވެމްކޯގެ ޓީމުން ނިންމާލާފައިވަނީ 10 ދުވަހުގެ ތެރޭގައިކަމަށް ވެމްކޯއިން ވިދާޅުވެއެވެ.


ކުނީގެ މައްސަލަ އެންމެ ބޮޑުވެފައިވާ 20 ރަށުގެ ތެރެއިން މިހާތަނަށް ވެމްކޯއިންވަނީ 13 ރަށެއްގައި ކުނި ބޭރުކޮށް ރަށް ސާފުކުރުމުގެ މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެފަހުން ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީގައި ހުރި 92،000 ޓަނަށްވުރެ ގިނަ ކުނި ބޭރުކުރުމާއި ކ.ގުރައިދޫއާއި ތުލުސްދޫއާއި ލފޮނަދޫއާއި ގދ.ތިނަދޫގެ އިތުރުން ފުވައްމުލައް ސިޓީގައި ހުރި ކުނި އެރަށްރަށުން ބޭރުކުރުމުގެ މަސައްކަތެވެ.

ކުނީގެ މައްސަލައަކީ ރާއްޖޭގައި އޮތް ތިމާވެށީގެ ބޮޑު މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ރަށްރަށުގައި އުފެދޭ ކުނި އެރަށްރަށުން ބޭރުކުރުމުގެ މަސައްކަތުގެ ދަށުން 32 ރަށެއްގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް ނައްތާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރަށްރަށުން ހަފްތާއަކު އެއްފަހަރު ކުނި ބޭރުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން 15 ރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކޮށް 11 ރަށެއްގައި މިހާރު ހުރި ތަންތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.