ރިޕޯޓް

1 އޮގަސްޓު : ވޯރާއިންގެ ވިޔަފާރި އަޅުވެތިކަން ނިމި، އިގްތިސާދީ މިނިވަންކަން ލިބުނު ދުވަސް


ދިވެހި ތާރީޙުގައި ދިވެހިންނަކީ މުއްސަނދި ބަޔަކަށް ނުވިނަމަވެސް ފުދުންތެރި ބައެކެވެ. ބޭރަށް ދަތުރުކޮށް ވިޔަފާރިކޮށް ހެދިއެވެ. ނަމަވެސް ދިވެހިންގެ އިޤްތިޞާދުގެ އެންމެ އަނދިރި ދުވަސްތަކަށްވީ ވޯރާ ވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުގެ ހޭދަކުރި ގަރުނަކަށް ވުރެ ގިނަ ދުވަސްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެމީހުން 1857 އިން 1962 އަހަރާއި ހަމައަށް ތިބީ ރާއްޖެ އިޤްތިޞާދީ ގޮތުން އަޅުވެތިކޮށްގެން ކަމަށް ބުނެވޭނެ އެތައް ސަބަބުތަކެއް ހުއްޓެވެ. އެމީހުންގެ އަތުން ދިވެހި އިޤްތިޞާދު ސަލާމަތްކޮށްދިނީ ދިވެހިންގެ މިނިވަންކަން ވެސް ހޯއްދަވައި ދެއްވި ދެވަނަ ޖުމުހޫއްރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރުއެވެ.

ރާއްޖޭގައި ދާއިމީ ގޮތަކަށް ވިޔަފާރިކުރުމުގެ ހުއްދަ ބިދޭސީންނަށް ދިވެހި ދައުލަތުން އެންމެ ފުރަތަމަ ދެއްވީ މީލާދީގޮތުން 1857 ވަނަ އަހަރު އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު ހަތަރުވަނައިގެ ރަސްކަމުގައެވެ. މިހުއްދައާއެކު މީގެ ކުރިން ވަކި ދުވަސްވަރެއްގައި ވިޔަފާރި ކުރި ބިދޭސީ ވިޔަފާރިވެރިން ދާއިމަށް ވަޒަންވެރިވެ ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވިއެވެ. އޭރު ވިޔަފާރި ކުރި ބިދޭސީންގެ ތެރޭގައި ވޯރާ ވިޔަފާރިވެރިންވެސް ހިމެނެއެވެ.

ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ އިޤްތިޞާދު އަޅުވެތި ކުރީކީ ދިވެހިންތަކެއް އެމީހުންގެ ވިޔަފާރީއާ ގުޅުމުންނެވެ. އެމީހުންގެ މުށު ތެރެއަށް ހުރިހާ ވިޔަފާރީއެއް ގެންގޮސް ވިޔަފާރި ފެށުމުން، އެމީހުންނާއި ވާދަވެރިކޮށް ވިޔަފާރި ކުރުމަށް ދިވެހި ކުދި ވިޔަފާރިތަކާއި ނުބައްދަލު ކަމަކަށްވިއެވެ. އޭރު ދިވެހިން ބޭރަށް ދަތުރުކޮށް ވިއްކަމުން ދިޔަ ދިވެހި އުފެއްދުންތައް އެމީހުން އަމިއްލަ ފިހާރަތަކުގައި މާކެޓު ކުރިއެވެ. އަދި ދިވެހި ރާއްޖޭއަށް މުދާ އެތެރެކޮށް އެމީހުންނަށް ފެނުނު އަގެއްގައި މުދާ ވިއްކަމުންދިޔައެވެ. ތަކެތީގެ އަގު ކޮންޓްރޯލް ނުވެ އެމީހުން ކަނޑައެޅި އަގެއްގައި މުދާ ވިއްކަމުން ދިޔަ ކަމަށްވެއެވެ. އެމީހުން މުދާ އެތެރެކޮށް ބޭރުކުރީ އަމިއްލަ ބޯޓުފަހަރުގައި ކަމުން މުޅި ވިޔަފާރި ނިޒާމުގެ ތެރެއިން ދިވެހިން ބޭރުވެގެން ދިޔައެވެ.

ވޯރާ ވިޔަފާރިވެރިންގެ އުކުޅަކަށްވީ ރައްޔިތުންނާއި ދައުލަތް ދަރަނިވެރި ކުރުވުމެވެ. އެގޮތުން 1887އާ ހަމައަށް އައިއިރު އެމީހުންގެ ވިޔަފާރިތަކަށް ދިވެހި ދައުލަތް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދަރާ އޮތް ކަމަށްވެއެވެ. އެމީހުން މިއުކުޅާއެކު ދިވެހިންނަށް އެމީހުންގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވެ އެމީހުންގެ ނުފޫޒު ސިޔާސަތުތަކުގެ ތެރެއަށް ވަންނަން ފެށިއެވެ. އެމީހުންގެ ނުފޫޒު ނުފޯރާ ހިސާބެއް ނެތެވެ. ދިވެހިން ކުރާ މަސްވެރިކަމުގެ އަގަށް ދާންދެން އެމީހުން ކޮންޓްރޯލް ކުރިއެވެ.

ވޯރާ ވިޔަފާރިވެރިންނަށް ދިވެހި ރާއްޖޭގައި މިހާ މިނިވަންކަމާއެކު އުޅެވުނު އެއް ސަބަބަކީ ބިދޭސީ ވިޔަފާރިވެރިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ޤަވާއިދުތަކެއް ހެދިފައި ނެތުންކަން ގިނަ ލިއުންތެރިން ފާހަގަ ކުރައްވައެވެ. އެގޮތުން 1932 ވަނަ އަހަރު ރާއްޖޭގައި ވުޖޫދު ކުރެވުނު ފުރަތަމަ ޤާނޫނު އަސާސީގައި އެމީހުންނަށް އަމާޒުކޮށް ޤާނޫނުތަކެއް ހެދިގެން ދިއުމަކީ އެކަމުގެ ހެއްކެކެވެ. އެގޮތުން އެމީހުން ރާއްޖެއިން ފޮނުވާލުމަށް އެކި ދުވަސްވަރު މަސައްކަތް ކުރެވުނުކަން ތާރީޙީ ފޮތްތަކުން އެނގެން އެބައޮތެވެ. އެގޮތުން ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ވިޔަފާރިވެރިން އަމަލު ކުރާނެ ޤާނޫނުތަކެއް ވުޖޫދު ކުރެވުނެވެ.

ޝަމްސުއްދީން ރަދުންނާއި، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލޭގެފާން އަދި މުޙައްމަދު އަމީންގެ ދުވަސްވަރު ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފެށިގެން ކުރެވުނުކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވެއެވެ. އަދި މިކަންކަމުގެ ތެރެއިން އަލްއަމީރު މުޙައްމަދު ފަރީދުގެ ރަސްކަމުގައި ވޯރާ ވިޔަފާރިވެރިން ފޮނުވާލުމަށް ރައްޔިތުން މަޖިލީހުގައި ވަނީ މިނިވަންކަމާއެކު ބަހުސްކުރެވިފައެވެ.

ނަމަވެސް އެންމެ ކާމިޔާބު ފިޔަވަޅުތަކެއް އެމީހުންނާއި ދެކޮޅަށް އެޅުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު ކީރިތި މަހާރަދުންގެ ރަސްކަމުގައި، ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައިއެވެ. އޭރުގެ މަޖިލީހުން ޤާނޫނުތަކެއް ފާސްކޮށް 28 އޮކްޓޯބަރު 1961 ގައި ޤާނޫނުތައް އިއުލާން ކުރެވުނެވެ.

އޭރު ހެދުނު ޤާނޫނުތަކަށް ބަލާއިރު، ދިވެއްސަކަށް ފައިދާވާ ގޮތަށް ބިދޭސީން އެމީހުންގެ ރައުސުލްމާލު ބޭނުންކޮށްގެން ވިޔާފާރި ކުރުން މަނާކުރިއެވެ. އަދި އެމީހުން އަމިއްލައަށް އުފައްދާ ތަކެތި ނޫނީ، އަމިއްލައަށް އެތެރެކުރި އެއްޗެއް ފިޔަވައި އެހެން އެއްޗެއް ވިއްކުން މަނާ ކުރިއެވެ. އޭރު ދައުލަތުން އެމީހުން ފޮނުވާލުމަށް އެމީހުންނަށް ދޭން ޖެހޭ ބަދަލެއް އޮތްތޯ ވަރަށް ބޮޑަށް ބަލާފައިވެއެވެ. ނަމަވެސް ދިވެހި ރާއްޖޭގައި އެމީހުންގެ ވިޔަފާރި މިހާ ފުޅާ ކުރިއިރު ދިވެހިންނަށް ފައިދާއެއް ވާނެ އިންވެސްޓްމެންޓެއް އެމީހުން ކޮށްފައި ނެތް ކަމަށް ލިއުންތެރިން ވިދާޅުވެއެވެ.

މިކަންކަމާއި އެކު ބޮޑު ވަޒީރު އިބްރާހީމް ނާޞިރުގެ ހިކުމަތުން އެމީހުންނަށް 1 އޮގަސްޓު 1962ގައި ރާއްޖެ ދޫކޮށް ދާން މަޖުބޫރުވީއެވެ. އޭރު ބޮޑުވަޒީރު ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަން ވެސް 1957 އިން 1968 އާއި ހަމައަށް ރައީސް ނާޞިރު އަދާ ކުރެއްވިއެވެ. މިއީވެސް މިކަމުގެ ތެރޭގައި އިސްދައުރެއް އަދާ ކުރުމަށް ލިބިގެން ދިޔަ ފުރުސަތެކެވެ.

ވޯރާއިން ފޮނުވާލެވުނުތާ މިއަދަށް 59 އަހަރު ފުރި 60 އަހަރަށްލިއިރު، މިއީ ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ލިބުނު ދުވަސް ކަމުގައި ގިނަ ލިއުންތެރިން ފާހަގަކުރެއެވެ. އަދި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރުގެ ދުރުވިސްނޭ ހިކުމަތްތެރި ސިޔާސަތުތަކާއެކު ވޯރާ ވިޔަފާރިވެރިންގެ އުނގަށް ނުވެއްޓި އެމީހުން ބޭރުކޮށް ދިވެހިންނަށް، ދިވެހި އިޤްތިޞާދުގެ ލަގަން ހޯދައިދެއްވިއެވެ. އަދި މިއީ ދިވެހިން މިއަދު ދެކޭ އިޤްތިޞާދުގެ ފެށުމަށް އެޅުމަށް ބިނގަލެވެ.