އިރާޤުގެ އެދުމުގެ މަތިން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އެ ގައުމުގެ ތެޔޮ އުފުލާ އުޅަނދުތަކަށް ދަތުރުކުރުމުގެ ޚާއްޞަ ހުއްދައެއް އީރާނުން ވަނީ ހަމަޖައްސައިދީފައެވެ.
ޢިރާޤުގެ ހުށަހެޅުންތަކަށް އިޖާބަދީ، ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ޢިރާޤުގެ ބައެއް ތެޔޮ އުފުލާ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފައިވާކަން އެ ގައުމުގެ ރަސްމީ ނިއުސް އޭޖެންސީ އިން ހާމަކޮއްފައިވެއެވެ. ޢިރާޤުގެ ރައީސް ނިޒާރު އާމީދީވެސް ވަނީ ފާއިތުވި ދުވަސްތަކުގައި ޢިރާޤުގެ ތެޔޮ އުފުލާ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރެވޭނެ އިންތިޒާމު އީރާނުން ހަމަޖައްސައިދީފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އިރާނުން ބުނި ގޮތުގައި، މި ހުއްދައަށް އިރާޤުން އެދުނީ އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް އެ ޤައުމަށް ކުރެއްވި ދަތުރެއެގެ ތެރެއިންނެވެ. އަދި މިއީ އިރާޤުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހުށަޙެޅުމެވެ.
ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރުގެ ދަތުރުފަތުރު މަދުވެ، ދަތުރުކުރާ އުޅަނދުތަކައް ނުރައްކާ ބޮޑުވެފައިވާއިރު، އީރާނުން ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮއްލުމުން އެންމެ ބޮޑު އަސަރެއް ކުރި އެއް ގައުމަކީ ޢިރާޤުއެވެ. މެދިއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ޢިރާޤުން ދުވާލަކު 4 މިލިއަން ފީފާގެ ތެޔޮ އުފައްދަމުން ދިއައެވެ.
ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒަޔިދީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ތުރުކީވިލާތުގެ ޖޭހާން ބަނދަރު މެދުވެރިކޮށް ތެޔޮ އެކްސްޕޯޓުކުރުން ފުޅާކުރުމާއި އަދި ސޫރިޔާގެ ބަނިޔާސް ބަނދަރާއި އުރުދުންގެ ޢަޤަބާ ބަނދަރު މެދުވެރިކޮށް ތެޔޮ ބޭރުކުރަން ފެށުމަށް ޢިރާޤުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދާ ޣައިރުޤާނޫނީ ހަމަލާތަކަށް ބެއްލެވުމެއްނެތި ޢިރާޤުގެ ބޮޑުވަޒީރު އަލް-ޒަޔިދީ އީރާނަށް ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ރަސްމީ ދަތުރެއްކުރައްވާފައެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. މި މަޝްވަރާތަކުގައިވެސް ޢިރާޤުގެ ބޮޑުވަޒީރު ވަނީ ހުރްމުޒްއިން އެ ޤައުމުގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް އީރާނުގެ އިސް ބޭފުޅުން ގާތުގައި އެދިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ކަމުގައި ޢިރާޤުގެ މީޑިއާއިން ބުނެއެވެ. މީގެ އިތުރުން، ދެ ޤައުމުން ގުޅިގެން އިޤުތިޞާދީ އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމަށް ވެސް ދެ ޤައުމުގެ ރައީސުން ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.
ކުރީ ހަފުތާގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ އައު މަގުތަކުގެ ޗާޓާ ގުޅޭގޮތުން އީރާނާއި ޢުމާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ހާމަކުރެއްވިއެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނީ އެމެރިކާއިން ބަދަލު ދިނުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަސްކަރީ އިންޒާރުތައް ނިމުމަކަށް ގެނައުން ހިމެނޭހެން، އެހެނިހެންވެސް އެތައް ޝަރުޠުތައް ފުރިހަމަކުރުމުން ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފައިވެއެވެ.