ޚަބަރު

އިތުރު 939 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖެއިން އިތުރު 939 މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 263،067 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 939 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 207 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 732 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 263،067 އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ބުދަ ދުވަހު ޖަހާފައިވަނީ 71 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3 މީހަކާއި އަތޮޅުތެރެއިން ވެކްސިން ޖެހި 68 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 321،594 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާއިރު މިހާރު ވަނީ އެސްޓްރަޒެނަކާ ވެކްސިން ޖެހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.