ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 77000އިން މައްޗަށް


ރާއްޖެއިން މިއަދު އިތުރު 141 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 77000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 141 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 98 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 20 މީހަކު ޕޮޒިޓިވްވެފައއިވާއިރު ސިނާއީ މަސައްކަތް ކުރާ ތަންތަނުން މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 77،094 ވަނީ އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓްކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި 2527 މީހުން މިހާރު އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 14 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 225 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74335 އަރާފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5152 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ ނިޔާވެފައެވެ.