ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް މިމަހު ފަށަނީ


  • މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް

  • މަސައްކަތް ނިމެންވާއިރަށް ޚިދުމަތް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވޭނެ

ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހުގެ ތެރޭ ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގައެވެ.

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މި މައްސަލައަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ސިއްޙީ ވުޒާރާއިން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމަށް، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މިއީ ދެމިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭންގެ ޚިދުމަތް ފެށުމަށްޓަކައި ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، މަސައްކަތްކުކުރަމުން ދަނީ މިމަހުގެ ނިޔަލަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތްދޭން ފެށުމަށްކަމަށެވެ.

މީގެއިތުރުން، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމެންވާއިރަށް ޚިދުމަތް ބޭނުންވާ މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެއެވެ.

12000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ޙައްލުކުރުމަށް ސަރުކާރުން ވަނީ އައު ޢިމާރާތެއް 2022 އަހަރު ތަރައްޤީކޮށްފައެވެ.