ވިޔަފާރި

އެފްއެސްއެމްއިން ތެޔޮ އުފުލުމުގެ މަސައްކަތަށް އިތުރު ތެޔޮ ބާޖުތަކެއް


ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ތެޔޮ އުފުލާ ފްލީޓަށް މިއަހަރު 4 ތެޔޮ ބާޖު އިތުރުވެގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ، އެފްއެސްއެމުން ތެޔޮ އުފުލުމަށް އިތުރު ތެޔޮ ބާޖުތަކެއް ގެނައުމަށް، 2019 ވަނަ އަހަރުތެރޭ މިސްރުގެ ކުންފުންޏަކާއި ބާޖުތައް ބަނުމަށް ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތް ޙަވާލުކުރިއިރު މިއަހަރުގެ ކުރީ ކޮޅު އެ ބާޖުތައް ލިބޭނެ ކަމަށް ލަފާކުރެވުނު ކަމަށެވެސް ކޯވިޑާއި ގުޅިގެން މަސައްކަތް ވަނީ ލަސްވެފައިކަމަށް ޤަސަމް ވިދާޅުވިއެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރުގެ އޮކްޓޫބަރުމަހު ހިސާބު ތެޔޮ ބާޖުތައް ރާއްޖެއަށް ގެނެވޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ޤަސަމް ވިދާޅުވިއެވެ.

" މުޅި ދުނިޔެއަށް ކުރިމަތިމިވި ޕެންޑަމިކްއާއި ގުޅިގެން، މިސްރުގެ އެމަސައްކަތްކުރާ ބޯޓު ޔާޑުވެސް އަދި މުޅި އިޖިޕްޓްވެސް ބަންދުކޮށްގެން މަސައްކަތްކޮށްފި، އަނެއްކާ ބޯޓު ޔާޑުގައި މަސައްކަތްކުރާ މީހުންވެސް ކޯވިޑަށް ޕޮޒިޓިވްވެގެން، އެތަންވެސް ބަންދުކޮށް، މިއާ އެކު ބޮޑު ޑިލޭއެއް އައިއްސި، މިހާރު ބެލެވެނީ އަންނަ ސެޕްޓެމްބަރ ނޫނީ އޮކްޓޯބަރ މިހާރު ތެޔޮ ބާޖުތަށް ލިބޭނެ ކަމަށް،" ގަސަމް ވިދާޅުވިއެވެ.

ތެޔޮ ބޯޓުތަކުން ރަށްރަށަށް ތެޔޮ އުފުލުމަށް ބޭނުންކުރަނީ ބާޖުތަކެވެ. އެފްއެސްއެމްގައި މިހާރު ގާތްގަނޑަކަށް 18 ބާޖު އޮވެއެވެ.

އެފްއެސްއެމުން ވަނީ މިއަހަރުގެ ކުރީކޮޅު އެކުންފުނީގެ ފްލީޓަށް ތެޔޮ ބޯޓެއްވެސް އިތުރުކޮށްފައެވެ. މި ބޯޓު ނުވަތަ ތެޔޮ ޓޭންކަރަކީ 8.5 މިލިއަން ލީޓަރުގެ ތެޔޮ އުފުލުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ. މިއާއެކު އެކުންފުނީގެ މަދަރ ވެސަލްތަކުގެ އަދަދުވަނީ 5 އަށް އަރާފައެވެ.