ޚަބަރު

ޒެމްބިއާ ބަލިކޮށް ބްރެޒިލް ކުއާޓަރ ފައިނަލުން ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި އަންހެނުންގެ ފުޓުބޯޅަ އިވެންޓުގައި ބްރެޒިލްއާއި ޒެމްބިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މި މުބާރާތުގެ ކުއާޓަރ ފައިނަލުން ބްރެޒިލް ޖާގަހޯދައިފިއެވެ.

ގްރޫޕް އެފްގެ މި މެޗު ބްރެޒިލުން ކާމިޔާބުކުރީ އެއްލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 19ވަނަ މިނެޓްގައި ޖަހާދިނީ އަންދްރެސާ އަލްވޭސްއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބްރެޒިލްއަށް ލިބިގެންދިޔައެވެ.

މި ކާމިޔާބީއާއެކު ބްރެޒިލް މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދާފައިވަނީ ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ 7 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުގައި ނެދަލަންޑްސްއާއި ޗައިނާ ބައްދަލުކުރި މެޗް 8 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަހޯދާފައިވަނީ ނެދަލަންޑްސްއެވެ.

ނެދަލަންޑްސްއަށްވެސް ހަތް ޕޮއިންޓް ލިބިފައިވީ ނަމަވެސް ޖަހާފައިވާ ލަނޑަށް ބަލާއިރު ނެދަލަންޑްސްއަށް ކުރި ލިބުނީއެވެ. ކުއާޓަރ ފައިނަލުގައި ބްރެޒިލް ބައްދަލުކުރާނީ ގްރޫޕް އީގެ ދެވަނަ ޓީމު ކަމަށްވާ ކެނެޑާއާއެވެ. އަދި ނެދަލަންޑްސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ޖީގެ ދެވަނަ ޓީމު ކަމަށްވާ އެމެރިކާއާއެވެ.

ކުއާޓަރ ފައިނަލްގައި ވާދަކުރާ އެހެން ޓީމުތަކަކީ ގްރޫޕް އީގެ އެއްވަނަ ޓީމު، އިނގިރޭސިވިލާތާއި ގްރޫޕް ޖީގެ ތިންވަނަ ޓީމު، އޮސްޓްރޭލިއާއެވެ.