މުނިފޫހިފިލުވުން

115 ބައިވެރިންނާއެކު ދައްކައިދިނީ ދަރަޖައަކަށް ބެލުމެއްނެތި އިސްކަންދޭންވީ ޤައުމަށްކަން

މިނިވަން ދުވަސްފަދަ ޤައުމީ މުނާސަބާތަކާދިމާކޮށް އަޅުގަނޑުމެންނަށް ފެނިގެންދާ އިތުރު ޚާއްސަކަމެއް އޮވެއެވެ. އެއީ ރާއްޖޭގެ ފަންނާނުންގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމެވެ. ދިވެހި ޤައުމިއްޔަތަށް އޮތް ލޯތްބާއި އިޙްތިރާމް މިފަދަ ދުވަސްދުވަހު ފަންނާނުންވެސް އަންނަނީ އެފަރާތްތަކުގެ ފަންނުވެރިކަމުގެ ތެރެއިން ދައްކުވައިދެމުންނެވެ.

މިފަހަރު މިއޮތީ އެފަދަ ފަންނާނެއްގެ ވާހަކައެވެ. ފިލްމީ ތަރި އަދި މަޝްޙޫރު ޑިޒައިނަރ ޖާދުﷲ އިސްމާޢީލް މިއަހަރުގެ މިނިވަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބެލުންތެރިންނަށް ވަނީ ވީޑިއޯ ލަވައެއް ދޫކޮށްލާފައެވެ. މިއީ މިގޮތަށް ޖާދު ކުރި މިފަދަ ފުރަތަމަ މަސައްކަތެއް ނޫނެވެ. ނަމަވެސް ކުރިން ކުރި މަސައްކަތްތަކާ ޚިލާފަށް މިފަހަރުގެ ލަވަ ތަފާތުވެފައި ޚާއްސައެވެ.

"ގަލަމުންވެ ސޫރަ ރަންދެލީ" މި ނަމުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖާދު ތައްޔާރުކުރި ލަވައަކީ މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މޫނުތަކެއް ލަވައަކުން ފެނިގެންދާގޮތަށް ތައްޔާރުކުރި އެއްލަވައެވެ. މިދިޔަ އަހަރުގެ މިނިވަން ދުވަހުވެސް ޖާދު ޚާއްސަ ވީޑިއޯ ލަވައެއް ނެރެފައިވާއިރު އެ ލަވައިގައި އޭރާއި މިހާރުގެ ތަރިން ހިމެނޭހެން 67 ފަންނާނެއް ފެނިގެންދެއެވެ.

ނަމަވެސް މިފަހަރުގެ ލަވައިގައި 115 ބައިވެރިއެއްގެ ފެނިލުން ފެނިގެންދިޔައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިބި ބޭފުޅުންނާއި، ސިޔާސީގޮތުން މަޤުބޫލުކަން ހޯދާފައިވާ ބޭފުޅުންނާއި، އެކި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަޙްސިއްޔަތުތަކާއި، މަޝްހޫރު ފިލްމީ ތަރިން މި ލަވައިން ފެނިގެންދެއެވެ. ހަމައެހެންމެ ބައެއް މުޢައްސަސާތަކާއި ކުންފުނިތައްވެސް ފެނިގެންދެއެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ލަވައިގެ ކޮންސެޕްޓް އަދި ޑައިރެކްޝަންގެ މަސައްކަތްކޮށްފައިވާ ޖާދު ބުނިގޮތުގައި މި ލަވަ އޭނާ ތައްޔާރުކޮށްފައިވަނީ 2 ހަފްތާގެ މަސައްކަތުން ކަމަށެވެ. މިއީ ބުރަ އަދި ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދިޔަ މަސައްކަތެއްކަން ފާހަގަކޮށް ޖާދު ވަނީ މި ލަވަ ތައްޔާރުކުރުމުގައި ލަވައިގައި ބައިވެރިވި ފަރާތްތަކާއި އޭނާގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ބުނެފައެވެ.

ޖާދު ބުނީ މިއީ ޤައުމީ ލަވައެއްކަމުން، ލަވައިން ބެލުންތެރިންނަށް ދައްކުވައިދޭން އަދި އަންގައިދޭން ބޭނުންވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އިސްކުރަންވީ ޤައުމުކަމަށެވެ. އަދި ތިމާގެ ހައިބަތާއި، އަދާކުރާ ވަޒީފާއެއްގެގޮތުން ޤައުމީ ކަންކަމަށް އެ ދޭންޖެހޭ އަހައްމިއްޔަތުކަމާއި އިސްކަން ތަފާތު ނުވާނެކަން ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑު ތަޖުރިބާއެއް މި ކޮށްލީ މި ލަވައިން. އެއީ އަޅުގަނޑުމެންނަށް އެ ލިބިފައި އިންނަ ވަޒީފާއެއްގެ ގޮތުން ނުވަތަ މަޤާމެއްގެގޮތުން އެ ހައިބަތު ދައްކައިދިނުމުގެ ބަދަލުގައި ޤައުމުދެކެ ވާ ލޯބި ދައްކައިދިނީ. އެހެންވީމަ އެންމެ ފުރަތަމަ ޤައުމު އިސްކުރާށޭ ބުނެވޭނީ. މި ލަވައިގައި ބައިވެރިވި ފަންނާނުން ޤައުމަށް އެ ދައްކައިދިނީ ރީތި މިސާލެއް ހަޤީޤަތުގައި. އެއީ އެންމެން އެއް ދަރަޖައެއްގައި އެއް ލެވެލެއްގައި މަސައްކަތް ކުރިކަން އެ ހާމަކޮށްދިނީ" ޖާދު ބުންޏެވެ.

ހިތްގައިމު މަޑުމައިތިރި ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ވަރަށްވެސް ޒުވާން ދެ އާޓިސްޓުންކަމަށްވާ އައިޝަތު ޖޫނީ ޖިނާހާއި، އަޙްމަދު އިޝާމެވެ.

ލަވައިގެ ޅެން ހަދައިދީފައިވަނީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއެވެ. ޓައިމް އެކެޑަމީ އޮފް ސްޓޫޑިއޯސްއިން ލަވައިގެ މިއުޒިކް ހަދައިދީފައިވާއިރު، މި ލަވަ ރިކޯޑްކުރުމުގައި މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަމަށް ޖާދު ބުނެފައިވެއެވެ. އަދި ލަވައިގެ ކެމެރާ އަދި އެޑިޓިންގގެ މަސައްކަތް ކޮށްފައިވަނީ ޢަލީ ރަޝީދު (ގޮޅާ) އެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީއާއި، ޕީ.އެސް.އެމް ގުޅިގެން ސަރުކާރުގެ ގިނަ މުއައްސަސާއެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ "މިނިވަން އުފާ މުޅިރާއްޖެ" ކޮންޓިނިއުނިޓީ ޝޯވގެ ތެރޭގައި މި ލަވަ މިއަދު ރިލީޒްކޮށްފައިވާއިރު، އެ ފުރުޞަތު ދެއްވިކަމަށްޓަކާ ޖާދު ވަނީ ހޯމް މިނިސްޓްރީއަށްވެސް ޝުކުރު އަދާކޮށްފައެވެ.

މި ލަވަ މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށްވެސް އޭނާ ދޫކޮށްލާފައިވާއިރު، ލަވައަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޚީބެއް ލިބެމުންދާކަމަށް ޖާދު ބުންޏެވެ. އަދި މިއީ އޭނާ މިހާތަނަށް ކޮށްފައިވާ ތަފާތު އެކި މަސައްކަތްތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ހިތް ހަމަޖެހޭ މަސައްކަތުގެ ގޮތުގައިވެސް ޖާދު ވަނީ ސިފަކޮށްފައެވެ.