ޚަބަރު

އޭއެފްސީ ކަޕަށް މެސީއާއި ބަކާ އީގަލްސްއަށް ހިލޭ ކުޅެދެނީ


ކުރިއަށް އޮތް އޭއެފްސީ ކަޕަށް ކުލަބު އީގަލްސްއިން ފަރިތަކުރަން ފަށާފައިވާއިރު، ކުލަބު އީގަލްސްއަށް ހީލޭ ކުޅެދިނުމަށް ނިންމާފައިވާކަމަށް އިސްމާޢީލް އީސަ (މެސީ) އަދި އަހުމަދު އާރިފް (ބަކާ) ބުނެފިއެވެ.

އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ބެއްވުމަށް އޭއެފްސީން ވަނީ ނިންމާފައެވެ. މި ގުރޫޕުގެ ފަހު ޖާގަ ހޯދުމަށް ކުލަބު އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ، އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 15ވަނަ ދުވަހުއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ސްޓޭޖުން ޖާހަ ލިބިގެންދާނެއެވެ.

ކުލަބު އީގަލްސްއިން ދަނީ އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗަށް ޓީމު ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިސްމާޢީލް އީސަ (މެސީ)އާއި މުހައްމަދު އާރިފް (ބަކާ)ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ކުލަބު އީގަލްސްއިން ބުނީ އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗަށް ޓީމު ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިންނާއި ވާހަކަދައްކަމުންދާކަމަށާއި އިތުރު ދިވެހި ކުޅުންތެރިންވެސް ގަނައުމަށް ހަމަޖެހިފައިވާކަމަށެވެ.

ނިމިގެންދިޔަ ސީޒަންގައި ކުލަބު ވެލެންސިއާއަށް ކުޅުނު ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)އާއިވެސް ވާހަކަދައްކަމުންދާކަމަށް އީގަލްސްއިން ބުންޏެވެ. ފާސިރު ބުނީ އޭއެފްސީ ކަޕުގެ ޕްލޭ އޯފް މެޗަށް ކުލަބު އީގަލްސްއަށް ކުޅެދިނުމަށް އަދި ވަކިގޮތެއް ނުނިންމާކަމަށާއި ނިންމަންޖެހޭ ބައެއް ކަހަލަ ނިންމުންތައް އަދި އެބަހުރިކަމަށެވެ.

އީސްމާއީލް އީސައާއި މުހައްމަދު އާރިފްވަނީ މީގެ ކުރިންވެސް ކުލަބު އީގަލްސްއަށް ކުޅެފައެވެ. އީސަ އީގަލްސްއަށް ކުލެފައިވަނީ 2015 އަދި 2015 ވަނަ އަހަރުގެ ސީޒަންގައެވެ. އަދި އާރިފް އީގަލްސްއަށް ކުޅެފައިވަނީ 2012 އަދި 2017ވަނަ އަހަރުގެ ސީޒަންގައެވެ. އީގަލްސްއިން ޓީމު ވަރުގަދަ ކުރަމުންދާއިރު، އެޓީމުންވަނީ ލެބަނާންގެ ކީޕަރު މުޙައްމަދު ތޯހާގެ ކޮންޓްރެކްޓް އައުކޮށްފައެވެ. ނަމަވެސް ނިމިގެންދިޔަ ސީޒަންގައި މޮޅު ކުޅުމެއްދެއްކި މިޞްރުގެ ފޯވާޑް މުޙައްމަދު އޮސާމާ ވަނީ ދޫކޮށްލައިފައެވެ.

ސީޒަނުގެ މެދުތެރެއިން ކުލަބު އީގަލްސްގެ ކޯޗުކަމާއި މުހައްމަދު ޝާޒްލީ ހަވާލުވީފަހުން، އެޓީމަށްވަނީ ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ސީޒަންގެ ކުރީކޮޅު މާރަނގަޅު ކުޅުމެއް އެޓީމަށް ދެއްކިފައި ނުވިނަމަވެސް، ލީގުގެ ދެވަނަ ބުރުގައި އެޓީމުންވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި އީގަލްސްވަނީ މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު، ކުޅޭނެ ގޮތެއް އަބަހާނީއަށް ނުދެއްކުމުން އޭއެފްސީންވަނީ މެޗު ފަހުން ކެންސަލްކޮށް އީގަލްސް މެޗުން މޮޅުވިކަމަށް ނިންމާފައެވެ. މިއާއެކު އީގަލްސްއަށް ޕްލޭއޯފްގެ ޖާގައެއް ލިބިގެންދިޔައެވެ.

ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕްގެ މެޗްތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިވަގުތު މި ގުރޫޕުގައި އޮތީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާއާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ. ޕްލޭ އޯފް މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ސްޓޭޖުން ފުރުޞަތު ލިބިގެންދާނެއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ. މީގެ ދެ ދުވަސް ކުރިން މާޒިޔާއިންވަނީ ސަޢުދީ ޢަރަބިއްޔާގައި ކޭމްޕް ކުރުމަށް ފުރާފައެވެ.