ޚަބަރު

އަމިއްލައަށް މަރުވެގެންވެސް ހަމަލާދޭން އަދުހަމް ހުރީ ތައްޔާރަށް!


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނު ދުވަހު ދެވުނު ނިރުބަވެރި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ހުރީ އަމިއްލައަށް މަރުވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މޭމަހުގެ 6 ވަަނަ ދުވަހުގެ ހަމަލާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން އެ ފަރާތްތައް ގަބޫލުކުރާ ގަބޫލުކުރުންތަކުގެ މައްޗަށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ނިންމާ އެކަމުގެ ރޭވުންތަކާ ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްދިޔަކަމަށެވެ.

އަދި 2020ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން ރައީސް ނަޝީދުގެ ފުރާނަފުޅު ނަގާލުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ. ރއީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި މި ފަރާތްތަކުން މީގެ ކުރިން 2 ފަހަރެއްގެމަތިން މަސައްކަތްކޮށްފައިވާކަންވެސް ފުލުހުންގެ ތަހުގީގުން ފާހަގަކުރެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދަށް ހަމަލާދިނުމަށްޓަކައި 2019 ވަނަ އަހަރު ސައިކަލެއް ގަނެ 2020 ވަނަ އަހަރުގެ ފަހުކޮޅު މ. ޔާގޫތުގެ ކައިރީގައި އެ ސައިކަލުގައި އައިއީޑީ ހަރުކޮށް ބަހައްޓައިގެން ގޮއްވާލަން މަސައްކަތްކުރިކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ. އަދި އެތަނުގައި ސައިކަލު ބަހައްޓައިގެން އެ ހަމަލާ ކާމިޔާބު ނުވީމާ ދެވަނަ ފަހަރަށް ރައީސް ނަޝީދަށް ހަމަލާދޭން ނިންމީ ރައީސް ނަޝީދު ކަސްރަތަށް ނިކުންނަވާ ގަޑީގައިކަމަށްވެސް ފުލުހުންގެ ތަހުގީގުން ހާމަވެގެންދެއެވެ.

"ތަހުގީގީ ހޯދުންތަކަށް ބަލާއިރު ދައުވާކުރެވިފައިވާ މީހުންތަކުގެ ތެރެއިން އަދުހަމް އަހްމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލެސް ގޯޅިގަނޑުގައި ހުރެގެން ބޮން ގޮއްވާލި މީހާ. މީނަ ހުރީ މި ހަމަލާ ޖާނުން ފިދާވެގެންވެސް ދޭން ތައްޔާރަށްކަން ތަހުގީގަށް މިހާރު ހޯދިފައިވޭ." ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދެވުނު ނިރުބަވެރި ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހުންގެ މައްޗަށް ދައުވާ ކޮށްދިނަމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމަހުގެ 21 ވަނަ ދުވަހު މައްސަލަ ފޮނުވާފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

މި ހަމަލާގައި ބައިވެރިވި ފަރާތްތަކަކީ އައިސިސްގެ ފިކުރަށް ތާއީދުކޮށް ރާއްޖޭގައި އައިސިސްގެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ބައެއްކަންވެސް ފުލުހުންގެ ތަހުގީގުން ހާމަވެއެވެ. އަދި އެ މީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫންކަމާއި ދިވެހި ބިމާއި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށް އެމީހުން ގަބޫލުކުރާކަންވެސް ފުލުހުންގެ ތަހުގީގަށް ހާމަވެގެންގޮސްފައިވާކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.