ޚަބަރު

ކަނޑައެޅި އަދަދު ހަމަނުވޭ އެކަމަކު ކާމިޔާބު ޙައްޖެއް


މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރަން ނިންމި އަދަދަށް މީހުން ހަމަނުވިނަމަވެސް ޙައްޖުގެ އަޅުކަން ނިންމާލީ ކާމިޔާބުކަމާއި އެކުކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން މިއަހަރުގެ ޙައްޖުގައި ބައިވެރިކުރރަން ސައުދީ ސަރުކާރުން ނިންމީ 60،000 މީހުންނެވެ. އެއްވެސް މީހަކަށް އެޤައުމަށް އެތެރެވުމުގެ ފުރުސަތު ނުދީ ޙައްޖުގައި ބައިވެރިކުރީ ސައުދީ ރައްޔިތުންނާއި އެޤައުމުގައި އުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނެވެ.

ސައުދީ ސަރުކާރުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރީ 58.518 މީހުންނެވެ. މީގެތެރއިން 33،518 މީހުންނަކީ ސައުދީ ރައްޔިތުންނެވެ. ބާކީ ތިބި 25،000 މީހުންނަކީ އެ ޤައުމުގައި ދިރިއުޅޭ 150 ޤައުމެއްގެ މީހުންނެވެ. މި ފަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ ތެރެއިން 32،816 މީހުންނަކީ ފިރިހެނުންނެވެ. މަހްރަމަކާއި ނުލާ އަންހެނުންނަށް ފުރަތަމަ ފަހަރަށް ޙައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރިވިވެވުނުއިރު 25،702 އަންހެނުން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ސައުދީ ސަރުކާރުން ބުނީ މި އަހަރުގެ ޙައްޖުގެ އަޅުކަން ނިންމާލީ މި ބަލިމަޑުކަމުގެ ތެރޭގައިވެސް ވަރަށް ކާމިޔާބުކޮށްކަމަށެވެ، މި ގޮތުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ނުވާކަން ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސައުދީ އަރަބިއްޔާއަށް އިގްތިސާދީގޮތުންނާއި އިޖްތިމާއި ގޮތުން އިސްލާހީ ބަދަލުތައް ގެނައުމަށް ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ސަލާމަތީ ކަންކަން ބަލަހެއްޓުމުގައި އަންހެން ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ދުރަތަމަ ފަހަރަށް މަހްރަމަކާއި ޙައްޖަށް އަންހެނަކު ދިޔުމުގެ ފުރުސަތުވެސް ސައުދީން މިއަހަރުވަނީ ދީފައެވެ.

ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި 10،000 މީހުން ބައިވެރިވާނެކަމަށް ބުނި ނަމަވެސް އެއަހަރު ޙައްޖުވީ އެންމެ 1000 މީހުންނެވެ.

ޙައްޖުގެ އަޅުކަމުގެ ކަންކަން ނިންމާލުމަށްފަހު އުމްރާއަށް އަލުން ހުޅުވާލުމަށް ސައުދީ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މާދަމާއިން ފެށިގެން ސައުދީ ރައްޔިތުންނަށް އުމްރާއަށް ހަރަމް ހުޅުވާލާނެއެވެ.

ސައުދީގެ ކޯވިޑް ނަމްބަރުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއރުގެތެރޭގައި އެޤައުމުން 1256 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 244 މީހުން ޕޮޒިޓިވްވީ މައްކާއިންނެވެ. މީ އެޤައުމުގެ ވަކިވަކި ރަށްތަކަށް ބަލާއިރު އިއްޔެ ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީވެސް މައްކާއިންނެވެ. އެޤައުމުން މިހާތަނަށް 516،949 މީހުންނަށް ކޯވިޑްޖެހި މި ބަލީގައި 8155 މީހުންވަނީ މަރުވެފައެވެ. ވެކްސިން ރޭޓަށް ބަލާއިރު 24.06 މިލިއަން މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.