ޚަބަރު

އަފްޣާނިސްތާނުގެ 100،000 ރައްޔިތުންނަށް ތަޖިކިސްތާނުން ޙިމާޔަތްދެނީ


އަފްޣާނިސްތާނުގެ 100،000 ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ތަޖިކިސްތާނުން ނިންމައިފިއެވެ.

އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ތަޖިކިސްތާނުން ނިންމާފައިވަނީ ޠާލިބާން ޖަމާޢަތުގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ގިނަ ޢަދަދެއްގެ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ހިޖުރަކުރަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ޠާލިބާނުންވަނީ އަފްޣާނިސްތާނުން ތަޖިކިސްތާނާއި ޕާކިސްތާނާއި އީރާނަށް ދަތުރުކުރެވެން އޮންނަ މުހިންމު މަގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އޭގެ އިތުރުން އެމެރިކާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 419 ޑިސްޓުރިކްޓުގެ ތެރެއިން 200 ޑިސްޓުރިކްޓު އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައެވެ. ޠާލިބާނުން ހޯދަމުންދާ ކުރިއެރުންތަކާ ގުޅިގެން އަފްޣާނިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ޢާންމު ރައްޔިތުންވަނީ އެ ޖަމާޢަތާ ދެކޮޅަށް ހަތިޔާރު ނަގައިފައެވެ. އެއާއެކު އަފްޣާނިސްތާނުގައި ދާޚިލީ ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަންވަނީ އުފެދިފައެވެ.

އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ތަޖިކިސްތާނުންވަނީ ދެ ސަރަޙައްދެއްގައި ހިޖުރަވެރިންނަށް ބޯހިޔާވަހިކަން ދިނުމަށް ކަނޑައަޅައިފައެވެ. އަދި ހިޖުރަވެރިންނަށް ބޭނުންވާ އަސާސީ ސާމާނުތައްވަނީ އެ ސަރަޙައްދުތަކަށް ފޮނުވައިފައެވެ. މި މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތަކަށް ޠާލިބާނުން ދިން ޙަމަލާތަކުން ސަލާމަތްވުމަށް އަފްޣާނިސްތާނުގެ އެތައް ސަތޭކަ ރައްޔިތުންވަނީ ތަޖިކިސްތާނަށް އެތެރެވެފައެވެ. އެއާއެކު ސަރަޙައްދީ ސަލާމަތް ޔަޤީންކުރުމަށް ތަޖިކިސްތާނުންވަނީ ރަޝިޔާގެ އެހީތެރިކަމަށްވެސް އެދިފައެވެ.

އަފްޣާނިސްތާނުގައި ޠާލިބާނުން ދެމުންދާ ޙަމަލާތައް އިތުރުވެފައިވަނީ ފާއިތުވި 20 އަހަރު ދުވަހު އެ ޤައުމުގައި ޙަރަކާތްތެރިވި ބޭރުގެ ފައުޖުތައް އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން މިހާތަނަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯއާއި އެމެރިކާގެ ގިނަ ޢަދަދެއްގެ ފައުޖުތައްވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ޤައުމުން ފައިބަން ކަނޑައަޅާފައިވާ ތާރީޚަކީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހެވެ. ނަމަވެސް އެއަށްވުރެ ކުރިން ބޭރުގެ ފައުޖައް އަފްޣާނިސްތާނުން ފައިބާނެކަމަށް ބެލެވެއެވެ.