ޚަބަރު

ލަންކާއާއި ރާއްޖެ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު އެބައޮތް


އަވަށްޓެރި ސްރީ ލަންކާއާއި ދިވެހިރާއްޖެ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވިދާނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބާއްވަން މަސައްކަތްކޮށްފައިވާ މުބާރާތެކެވެ. ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު މުބާރާތް ނުބޭއްވި މިއަހަރަށް ފަސްކުރީއެވެ. މިއަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބަންގްލަދޭޝްގައެވެ. ނަމަވެސް ބަންގްލަދޭޝްގައި ކޯވިޑްގެ ހާލަތު އޮތް ގޮތުން އެ ޤައުމުގައި މުބާރާތް ބޭއްވުމާއި މެދުވަނީ ސުވާލު އުފެދިފައެވެ.

މިއަންނަ މަހު ފަށާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕްގެ މެޗްތައްވެސް ރާއްޖޭގައި ބާއްވަން އޭއެފްސީންވަނީ ނިންމާފައެވެ. މިބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީވެސް ބަންގްލަދޭޝްއާއި ވާދަކޮށްގެންނެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް އެގައުމުގައި ނުބޭއްވިއްޖެނަމަ، މިއަހަރުދެން އެގައުމުގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ކުޑަކަމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެގައުމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސްރީ ލަންކާއިންވެސް މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެގައުމާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާވެސްކޮށްފައިވާ ކަމަށް އެފްއޭއެމުން މަޢުލުމާތުދީފައިވެއެވެ. ބައްސާމް ވިދާޅުވީ މިކަމުގައި ކުރިއަށް ދެވޭނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. ނޭޕާލުންވެސް ސެޕްޓެމްބަރު މަހު ސާފް ބޭއްވުމަށްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ 2008ވަނަ އަހަރުއެވެ. އެއަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެންނެވެ.